މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެއްޖެ

ދެ ފުލުހެއް މަގުމަތީގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، މިރޭ 20:19ހާއިރު ފުލުހުން ޖަނަވަރީ މަގު ޕެޓްރޯލް ކުރަމުން ދަނިކޮށް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފެނުނެވެ.

އެ ވަގުތު އެ މީހާ ފިލަން ދުއްވައިގަތުމުން އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ފުލުހެއްގެ އަނގަމަތީގައި ޖެހުނު ކަމަށާއި އޭގެ ސަބަބުން ފުލުސް މީހާގެ ތުންފަތް ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ދެ ފުލުހަކު ވެގެން މީހަކު ހައްޔަރު ކޮށްގެން ގެންދާ މަންޒަރު ފެނެއެވެ.

އެކި ކުށްތަކުގެ ތުހުމަތުގައި މަގުމަތިން މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ފުލުހުންނަށް އަނިޔާ ލިބިފައިވެއެވެ.

comment ކޮމެންޓް