ބަޔާނުން އަރައުހޯއަށް ޝައުގުވެރިވިޔަސް، އުނދަގޫތަކެއް

ބާސެލޯނާގެ އުރުގުއާއީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ -- ފޮޓޯ/ ގެޓީ

ބާސެލޯނާގެ އުރުގުއާއީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ ގެންދިއުމަށް ބަޔާން މިއުނިކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެކަމަށް އުނދަގޫތަކެއް ހުރި ކަމަށް ރިޕޯޓުކޮށްފިއެވެ.

ޖަރުމަން ނޫސްވެރިޔާ ފްރޮރިއަން ޕްލެޓެންބާގް ރިޕޯޓުކޮށްފައިވާ ގޮތުގައި އަރައުހޯ އަކީ ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ވަރަށް ޝައުގުވެރިވާ ކުޅުންތެރިއެކެވެ. ނަމަވެސް ބާސާ އިން އަރައުހޯގެ ކޮންޓްރެކްޓްް އާކުރުމުގެ މަސައްކަތްތައް ކުރާތީ، އެކަމަށް އުނދަގޫތަކެއް ހުރި ކަމަށް އޭނާ ރިޕޯޓުކުރެއެވެ.

ބާސާގެ ފުރަތަަމަ ޓީމަށް ކުޅެން ފެށުމާއެކު އަރައުހޯ އަކީ އެޓީމުގެ އެންމެ މުހިންމު އެއް ޑިފެންޑަރެވެ. ބާސާއަށް އަރައުހޯ މޮޅު ކުޅުމެއް ދައްކަމުންދާ އިރު، މިސީޒަނުގައި ވެސް އޭނާއަކީ އެ ކްލަބުގެ ކޯޗު ޒަވީ އާންމުކޮށް ފުރަތަމަ 11ގައި ބޭނުންކުރަމުންދާ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. މީގެ ކުރިން އަރައުހޯ ވެސް ބުނެފައިވާ ގޮތުގައި، ބާސާއަށް ކުޅުމަކީ އަބަދުވެސް އޭނާ ބޭނުންވާ ކަމެކެވެ.

ބާސާގެ ރިޒާވް ޓީމަށް އަހަރެއްހާ ދުވަހަށް ކުޅުމަށްފަހު، އެކްލަބުގެ ފުރަތަަމަ ޓީމަށް އަރައުހޯ ކުޅެން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އުމުރުން 24 އަހަރުގެ އަރައުހޯ އަކީ އުރުގުއާއީ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.

ބާސާ އިން ސްޕެނިޝް ލަލީގާގެ އެއްވަނައަށް އެރުމަށް މަސައްކަތްކުރަމުންދާ އިރު، މިސީޒަނުގައި އަރައުހޯގެ ބޭނުން އެ ކްލަބަށް ވަރަށް މުހިންމުވާނެއެވެ. މިވަގުތު ހަތަރުވަނައިގައި އޮތް ބާސާ އާއި އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

comment ކޮމެންޓް