ގަވީއަށް އަނިޔާވުމުން ސްޕެއިންގެ ކޯޗު ޒިންމާއެއް ނުނެގި!

ސްޕެއިން މިޑްފީލްޑަރު ގަވީއަށް އަނިޔާވުން -- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރަށް އަނިޔާވުމުން އެކަމުގެ ޒިންމާ ނަގަން ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ދެކޮޅު ހަދައިފިއެވެ.

ޔޫރޯ ކޮލިފައިންގައި މިމަހުގެ 19 ވަނަ ދުވަހު ޖޯޖިއާއާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗުގައި ގަވީގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. އެ އަނިޔާއާ ގުޅިގެން މި ހަފުތާގެ ތެރޭގައި ގަވީ ސާޖަރީ ހަދަން ނިންމާފައިވާ އިރު، އޭނާ ނުވަ މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އެކަމާ ގުޅޭގޮތުން ސްޕެއިންގެ ކޯޗު ޑެ ލާ ފުއެންޓޭ ބުނެފައިވާ ގޮތުގައި އަބަދުވެސް އެންމެ އިސްކަމެއް ދެނީ ކުޅުންތެރިންގެ ސިއްހަތަށެވެ.

"ބާސާ އިން އެ މެޗުގައި ގަވީ ބޭނުން ނުކުރުމަށް އެދިފައެއް ނުވޭ. ކްލަބުތަކުން ގައުމީ ޓީމުގެ ކަންކަމުގެ ތެރެއަށް ވަނުމަކީ ވެސް އަހަރެން ބޭނުންވާ ގޮތެއް ނޫން. އަހަރެމެން އަބަދުވެސް ކުޅުންތެރިންގެ ސިއްހަތަށް ހާއްސަ އިސްކަމެއް ދެން. ހުރިހާ ކުޅުންތެރިންނެކޭ އެއްގޮތަށް ގަވީ ވެސް ބޭނުންވީ ގައުމީ ޓީމަށް ކުޅެން،" 'ލަ ސާ'ގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު ބުންޏެވެ.

ސްޕެއިންގެ ކޯޗު ޑެ ލާ ފުއެންޓޭ ބުނީ ގަވީއަކީ ހާއްސަ ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި ސައިޕްރަސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޭނާ ބޭނުންވީ ރިކަވަރީއަށް ހާއްސަ ތަމްރީނުތަކެއް ހަދަން ކަމަށެވެ. އެހެންކަމުން ޓީމުގެ ސެޝަންގައި ބައިވެރިވުމުގެ ބަދަލުގައި ގަވީ މަސައްކަތްކުރީ ރިކަވަރީއަށް ކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ.

"ފުރަތަމަ ހާފު ނިމުމުން ވެސް އަހަރެން އެހިން މެޗު އިތުރަށް ކުޅެވިދާނެތޯ، ގަވީ ބުނީ އެއްވެސް މައްސަލައެއް ނެތް ކަމަށް. ޑޮކްޓަރުންގެ ޓީމަށް ވެސް ކަކުލުގެ މައްސަލައެއް އުޅޭކަން އޭރު ފާހަގަކުރެވިފައެއް ނުވޭ. އެހެންކަމުން އޭނާއަށް މެޗު ކުރިއަށްގެންދިއުމުގެ ހުއްދަ ދެވުނު،" ސްޕެއިންގެ ކޯޗު ބުންޏެވެ.

އުމުރުން 19 އަހަރުގެ ގަވީއަށް އަނިޔާވުމުން އޭގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ބާސާއަށެވެ. ގަވީއަކީ ބާސާގެ ފުރަތަމަ 11ގައި އެ ކްލަބުގެ ކޯޗު ޒަވީ އާންމުކޮށް ބޭނުންކުރާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް