ބްރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވުމުން މިހާތަނަށް 3،600 މެސެޖު ފޮނުވައިފި

ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވުމުން އޮކްޓޫބަރު 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނަސޭހަތުގެ 3،600 މެސެޖު ފޮނުވައިފިއެވެ.

ގަވައިދާ ޚިލާފަށް ހައިވޭގައި ދުއްވުމުން ނަސޭހަތުގެ މެސެޖު ވެހިކަލް ރަޖިސްޓްރީކޮށްފައިވާ މީހާގެ ފޯނު ނަންބަރަށް ފޮނުވަން ފެށީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ.

އެ ކަން ކުރަން ފެށިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް ޖުމްލަ 3،600 މެސެޖު ފޮނުވައިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުން "ސަން"އަށް ބުނީ، ނަސޭހަތުގެ މެސެޖުތައް ފޮނުވައިފައިވަނީ ބްރިޖުގައި ދުއްވަން ހުއްދަކޮށްފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމާއި ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރުމުން ކަމަށެވެ.

ފުލުހުން ފޮނުވާ ނަސޭހަތުގެ މެސެޖު --

ފުލުހުން ބުނެފައިވާ ގޮތުގައި އުޅަނދު ދުއްވި ބާރުމިނާއި، ލޭނު ބަދަލުކުރިކަން ދެނެގަންނަނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑު ބަލާ ކެމެރާތައް މެދުވެރިކޮށެވެ. އެ މެސެޖުތަކުގައި އެއްވެސް ބާވަތެއްގެ ލިންކެއް ނުހިމެނޭނެކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން އެ ފިޔަވަޅު އެޅީ ސިނަމާލެ ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގަމުން އަންނަ އައުން މަދުކުރުމުގެ ގޮތުންނެވެ.

އެފަދަ އެކްސިޑެންޓުތައް ހިނގާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވުމުން އުޅަނދު ކޮންޓްރޯލް ނުކުރެވުމާއި އެހެން އުޅަނދެއް އޯވަޓޭކް ކުރަން އުޅުން ހިމެނެއެވެ.

އެކްސިޑެންޓުތައް ހިނގުން މާލެ ސަރަހައްދުގައި އާންމުވެފައިވާއިރު އިއްޔެ އެކަނި ވެސް ނުރައްކާތެރި ދެ އެކްސިޑެންޓެއް ހުޅުމާލޭގައި ހިނގިއެވެ.

comment ކޮމެންޓް