ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކަށް އިންސާފު ހޯދުން އަވަސްކުރަން ގޮވާލައިފި

ނިމިދިޔަ ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ބޮޑެތި ކުށްތަކާއި މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، ތަހުގީގުތަކުން ހޯދާ ހެކީގެ މައްޗަށް ބިނާކޮށް، ދައުވާކުރުމާއި އިންސާފު ގާއިމުކުރުމަށް ސަރުކާރުގެ އިދާރާތަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން މިފަދައިން ގޮވައިލީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ހިއުމަން ރައިޓްސް ވޮޗް އަދި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)އާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ހަ މުއައްސަސާއިން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ރާއްޖޭގައި ހިނގައި، އިންސާފު ނުލިބި ހުރި ބައެއް ކުށްތައް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ ތެރޭގައި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ދައުވާތައް މިމަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ އަހަރުތަކެއް ވެފައިވާ މި މައްސަލަތަކުގެ ކޯޓު މަރުހަލާގައި، ކޯޓުންވެސް ވަނީ މި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން އިހުމާލުވެފައިކަން ފާހަގަކޮށްފައެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވައިލާ ކަންކަން:

  1. ކޮމިޝަން އޮން ޑެތްސް އެންޑް ޑިސެޕިއަރެންސް އިން 2018އިން 2023އަށް ކޮށްފައިވާ މަސައްކަތްތަކާއި ހިންގާފައިވާ ތަހުގީގުގެ ފުރިހަމަ މައުލޫމާތާއި ރިޕޯޓުތައް އާއްމުކުރުން.
  2. ނޫސްވެރިންނާ ގުޅުންހުރި މައްސަލަތަކުގައި ތަހުގީގީ މަރުހަލާ ހަލުވިކަމާއެކު ފުރިހަމަކޮށް، ދައުވާކުރަންޖެހޭ ފަރާތްތަކާ ދެކޮޅަށް ލަސް ނުވެ ދައުވާކުރުން.
  3. ނޫސްވެރިންނާ ގުޅުން ހުރި މައްސަލަތަކުގައި އެންމެ ފުރަތަމަ ތަހުގީގީ މަރުހަލާތަކުން ފެށިގެން މިއަދާ ހަމައަށް އެކިއެކި މަރުހަލާތަކުގައި އިހުމާލުވެފައިވާ އިދާރާތަކާއި ފަރާތްތަކުގެ މައްސަލަ ވަކި މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރަން ފެށުން.
  4. އެފަދަ މައްސަލަތަކުގައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕީޖީން ނިންމި ސަބަބުތައް އާއްމުކުރުން.

ނޫސްވެރިންނަށް ކުރާ ފުރައްސާރަޔާ އަނިޔާގެ މައްޗަށް ތަހުގީގުކޮށް އެމްޖޭއޭއިން އެކުލަވާލި ރިޕޯޓް "ޗޭސިންގް ޖަސްޓިސް" ނެރުމުގެ ހަފްލާގެ ތެރެއިން ނޫސްވެރިންތަކެއް. -- ފޮޓޯ/އެމްޖޭއޭ

ދެހާސް އަށާރަ ވަނަ އަހަރު އިންތިޚާބުވި ސަރުކާރުން މިއަހަރާ ހަމައަށް މި މައްސަލަތައް ތަހުގީގުކޮށްގެން ލިބުނު ކުރިއެރުމުގެ މައްޗަށް ބިނާކޮށް ކުރި ދައުވާތައް ވެސް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން މި މައްސަލަތަކުގެ ތަހުގީގީ މަރުހަލާގައި ކުރެވުނު މަސައްކަތްތަކާއި، ތަހުގީގީ އިދާރާތަކުން ނިންމާފައިވާ ނިންމުންތަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

"އާއްމު މަސްލަހަތާ ގުޅިފައިވާ މިފަދަ އެއްވެސް މައްސަލައެއްގައި ރައްޔިތުންނަށް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، މައްސަލައިގެ އެހެނިހެން ކަންކަން ސާފުނުވާ ގޮތަށް، މައްސަލަތައް ސިއްރުކުރަމުން ދިޔުމާއި، ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ބޮޑެތި ކުށްތަކުގެ މައްސަލަތައް ސިޔާސީ ޕާޓީތަކުން އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ތަހުގީގީ އިދާރާތަކާއި، ޝަރުއީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު މުޅިންހެން ނެތި ގޮސްފައިވާ ކަން ފާހަގަކުރަން،" އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކަށް އިންސާފު ނުލިބުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ބިރުވެރި މާހައުލެއް އުފެދި ނޫސްވެރިންނާ ދެކޮޅަށް ކުށްކުރާ ފަރާތްތައް އިތުރަށް ބާރުވެރިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް