ގޯއްޗާއި ފުލެޓުތައް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ކުއްލި މައްސަލައެއް

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯއްޗާއި ފުލެޓުތަކުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް މި ސަރުކާރަށް ގޮވައިލާ ކުއްލި މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދުގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުއްލި މައްސަލައެއް ހުށަހެޅީ ކުރީ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފުލެޓުތަކާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތަށް މި ސަރުކާރުން މައުލޫމާތު ދެމުން ގެންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެގޮތުން އެކަމާ ގުޅޭ ސަރުކާރުގެ ހަގީގީ ސިޔާސަތު ހާމަކޮށް ބޯހިޔާވަހިކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރަން ވަނީ ގޮވާލައިފައެވެ.

އެ މައްސަލާގައި ވަނީ ނިމިދިޔަ ރިޔާސީ ކެމްޕޭނުގައި އެއްވެސް ރައްޔިތަކަށް ސަރުކާރުން ދީފައިވާ ގޯއްޗެއް އަދި ފުލެޓެއް އަތުނުލާނެ ކަމަށް އޭރުގެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެ، އެ ވައުދަށް އިތުބާރުކޮށް އެތައް ހާސް ރައްޔިތުންނެއް ވޯޓު ދީފައިވާއިރު، ރިޔާސީ އިންތިޚާބަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެން ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، ރަޖިސްޓްރީގެ ސައްހަކަމާ މެދު ސުވާލުއުފައްދާފައިވާ ކަމަށެވެ.

އެގޮތުން މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ގޯތިތަކުގެ ލޮކޭޝަން އެހެން ތަނަކަށް ބަދަލުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޕްލެޓުތައް ލިބިފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

https://sun.mv/184974

މެންބަރު މީކާއިލް ވިދާޅުވީ ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަނޑައަޅާފައިވާ ހުޅުމާލޭ، ގުޅީފަޅު އަދި ގިރާވަރު ފަޅު ތަރައްގީކޮށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް އެއްވެސް އަދަދެއް އަންނަ އަހަރުގެ ބަޖެޓުގައި ނުހިމަނާ ކަމަށެވެ. ނަމަވެސް ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ހިމަނާފައިވާ ކަމަށާއި އެކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ކުއްލި މައްސަލައާ ގުޅިގެން މެންބަރުންގެ މެދުގައި ނެގި ވޯޓުން 29 މެންބަރުންގެ އިއްތިފާގުން އެ ކުއްލި މައްސަލަ ވަނީ ބަލައިގެންފައެވެ.

ބަހުސްގެ ވަގުތުގައި މެންބަރު މީކާއިލް ވިދާޅުވީ، މި ސަރުކާރުގެ އަސްލު ކުލަ މިހާރު ވެސް ފެނިއްޖެ ކަމަށެވެ. ކެމްޕެއިން ދުވަސްވަރު ރައްޔިތުންނަށް ރައްޔިތުންނަށް ދީފައިވާ އެއްވެސް ގޯއްޗެއް އަދި ފުލެޓެއްވެސް އަތުނުލާނެ ކަމަށް ބުނެ ދެއްކި ވާހަކައާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

"މުޅިން އާ ތަނެއް ހިއްކައި އެ ބޭފުޅުން ބޭނުންވާ ތަންތަންނުން ގޯތިތައް ބޭނުންވާ މީހުންނަށް ބަހައިލަން އެ އުޅެނީ،" މެންބަރު މީކާއިލް ވިދާޅުވިއެވެ.

"މިކަން އެމްޑީޕީގެ މެޖޯރިޓީ އޮތްހާ ހިނދު އެކަން ހުއްޓުވަންޖެހޭ. ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން އަޅުގަނޑުމެން މީގެ ތެރެއަށް ވަންނަން އެބަޖެހޭ،"

މެންބަރު މީކާއިލް ވަނީ މި ސަރުކާރުން އެ އުޅެނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އިންޒާރުދީގެން ވޯޓު ހޯދަން ކަމަށް ތުހުމަތުކުރައްވާފައެވެ.

މީގެ ކުރިން ވެސް މެންބަރު މީކާއިލް ވަނީ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަށް ބަލައިލުމުން އެނގެނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން އުޅޭ ކަން ކަމަށް ވިދާޅުވެފައެވެ. އަދި، މި ސަރުކާރުގެ ހައުސިން މިނިސްޓަރަށް ރުހުން ނުދޭން ވެސް ގޮވާލައިފައެވެ.

comment ކޮމެންޓް