ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލަކަށް ދިވެހި ހަތަރު ފިލްމެއް

ފެސްޓިވަލްގައި ބައިވެެރިކުރާ ފިލްމުތަކުގެ ތެރޭގައި އައިފިލްމްސްގެ "ނީނާ" ހިމެނޭ

އިންޑިއާގެ ކަރުނާޓަކާގައި ބާއްވާ ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލެއްގައި ހަތަރު ދިވެހި ފިލްމެއް ބައިވެރި ކުރުމަށް ނިންމައިފިއެވެ.

އިންޑިއާ ކަރުނާޓަކާގައި ކޮންމެ އަހަރެއްގައި ބާއްވާ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ތިނަވަނަ ފެސްޓިވަލް އަންނަ މަހުގައި ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރުގައި ބާއްވާ މި ފެސްޓިވަލްގައި އެކި ދާއިރާތަކުން ފިލްމު ބައިވެރި ކުރާނެއެވެ.

ކަރުނާޓަކާގެ ސަރުކާރުގެ އެހީއާ އެކު ކުރިއަށް ގެންދާ މި ފިލްމު ފެސްޓިވަލް އަކީ ސްޓޭޓްގެ ކަލްޗަރަލް ހެޑްކުއާޓާސް ކަމަށްވާ ދަރުވާދުގައި ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

ނަވާ ކަރުނާޓަކާ ފިލްމު އެކެޑެމީއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ރާއްޖެއިން ބައިވެރި ކުރާނީ 2021 ވަނަ އަހަރުގެ ފިލްމަކާއި މިދިޔަ އަހަރުގެ ދެ ފިލްމުގެ އިތުރުން މި އަހަރުގެ ފިލްމެކެވެ.

މި ފެސްޓިވަލަށް ރާއްޖެއިން ބައިވެރި ކުރުމަށް ލިބުނު ހަތަރު ސްލޮޓަށް ހުށަހަޅާ ފިލްމުތަކަކީ އެކި ދާއިރާތަކުގެ ފިލްމެވެ. އެގޮތުން އެންމެ ފުރަތަމަ ހިމެނެނީ 2021 ވަނަ އަހަރު މަހްދީ އަހްމަދުގެ ސްކްރީންޕްލޭއަށް އުފެއްދި "ރުގްޔާ" އެވެ.

ދެން ފެސްޓިވަލުގައި ހިމަނަން ނިންމާފައިވަނީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ގޮށްރާޅު" އަދި ޔޫއްޕެ ޕްރޮޑަކްޝަންސްގެ "ހެހެސް" އެވެ. މިއީ މިދިޔަ އަހަރު ނެރުނު ދެ ފިލްމެވެ. އަދި، މި އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން ފެސްޓިވަލްގައި ބައިވެރި ކުރާނީ އައިފިލްމްސްގެ "ނީނާ" އެވެ.

މި ފިލްމުތައް އަންނަ މަހު ފެސްޓިވަލްގައި ދައްކާއިރު މި ފެސްޓިވަލް ކުރިއަށްދާނީ އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހުގެ އިތުރުން 10 ވަނަ ދުވަހުގައެވެ. މި ފިލްމު ފެސްޓިވަލްގެ ބޭނުމަކީ އިންޑިއާގެ އިތުރުން އެކި ކަންކޮޅުތަކުގައި ވެސް ބޮޑު ޕްލެޓްފޯމެއް ބޭނުންވާ ފަރާތްތަކަށް ފިލްމުތައް ދައްކާލުމަށް ފުރުސަތު ހޯދައިދިނުން ކަމުގައި ކަރުނާޓަކާ ފިލްމު އެކެޑެމީއިން ބުނެއެވެ.

comment ކޮމެންޓް