ރެއާލް މެޑްރިޑްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި އޮތް ރެކޯޑެއް ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް މުގުރާލައިފިއެވެ.
ބެލިންހަމްއަކީ މިސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން 103 މިލިއަން ޔޫރޯ (113 މިލިއަން ޑޮލަރު)ގެ އަގަކަށް ރެއާލްއާ ގުޅުނު ކުޅުންތެރިއެވެ. އުމުރުން 20 އަހަރުގެ ބެލިންހަމް، މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ އިރު، މިއަހަރު އޭނާ ވަނީ ކޮޕާ ޓްރޮފީ އަދި ގޯލްޑަން ބޯއީ އެވޯޑު ވެސް ހޯދައިފައެވެ.
ސްޕެނިޝް ލަލީގާގައި އިއްޔެ 3-0ގެ ނަތީޖާއަކުން ކާޑިޒް ބަލިކުރި މެޗުގައި ބެލިންހަމްގެ ގޯލެއް ފެނުނު އިރު، އެ ގޯލާއެކު އޭނާ ވަނީ ރެއާލްގެ ރެކޯޑެއް މުގުރާލައިފައެވެ. އެއީ ރެއާލަށް ކުޅުނު ފުރަތަމަ 15 މެޗުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. ބެލިންހަމް ވަނީ ރެއާލްގެ ފުރަތަމަ 15 މެޗުން 14 ގޯލު ކާމިޔާބުކޮށްފައެވެ. އެ ރެކޯޑު ކުރިން އޮތް ރޮނާލްޑޯ އަދި ރެއާލްގެ ލެޖެންޑް ޑި ސްޓެފާނޯ، ފުރަތަމަ 15 މެޗުން ޖަހާފައިވަނީ 13 ގޯލެވެ.
ރެއާލްގެ ޖާޒީގައި ބެލިންހަމް ގިނަ ގޯލުތަކެއް ޖަހަމުންދާ އިރު، އޭނާ އެ ކްލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ރޮނާލްޑޯގެ ގިނަ ރެކޯޑުތަކެއް މުގުރާލުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިޑްފީލްޑަރެއްގެ ގޮތުގައި ބެލިންހަމް، ގޯލު ޖެހުމުގެ ރެކޯޑުތައް މުގުރަމުންދާތީ ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ވެސް ކުރަމުންނެވެ.
އިއްޔެ ކާޑިޒް އަތުން ހޯދި މޮޅާއެކު ވަގުތީގޮތުން ލަލީގާ ތާވަލުގެ އެއްވަނައަށް ރެއާލް ވަނީ ޖެހިލައިފައެވެ. ރެއާލާއި ދެވަނައިގައި އޮތް ޖިރޯނާއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ނަމަވެސް ރެއާލުން ވަނީ ޖިރޯނާއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.