ވަކިކުރި އޮފިސަރުންގެ މައްސަލަ އިސްތުއުނާފު ކުރުމާމެދު ގޮތެއް ނިންމެން ނެތް: ޕޮލިސް ބޯޑު

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލަ އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމެން ނެތް ކަމަށް ޕޮލިސް ބޯޑުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް އިއްޔެ އަންގައިފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސް ކުރި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

އޮފިސަރުން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ގާނޫނީ ހައްގުތައް ހޯދުމަށް ބުނެއެވެ.

އެ މައްސަލަ ބާތިލުކުރުމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމުމުން ދައުލަތުން އޮތީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭޖީން ޕޮލިސް ބޯޑުގައި ލަފައަކަށް އެދުނެވެ. ނަމަވެސް އޭރު ޕޮލިސް ބޯޑުން ޖަވާބު ދީފައެއް ނުވެއެވެ.

އެއަށްފަހު އިއްޔެ ޕޮލިސް ބޯޑުން އޭޖީއަށް އެންގީ، ވަކިކުރި އޮފިސަރުންނަކީ ފުލުހުންގެ ތެރޭގައި ހިމެނޭ ފަރާތަކަށް ނުވާތީއާއި އެ މައްސަލައިގައި ތަދައްޚުލުވެފައިވާ ފަރާތެއްކަށް ނުވާތީ، ޕޮލިސް ބޯޑަކީ އެ މައްސަލަ އިސްތިއުނާފު ކުރުމާމެދު ގޮތް ނިންމުމުގެ ހައިސިއްޔަތު އޮތް ފަރާތެއް ނޫންކަމަށެވެ.

މި މައްސަލާގައި ހަތް އޮފިސަރަކު ވަކިކުރަން އޭރު ނޯޓިސް ދިނެވެ. އެއީ:

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  • ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

މަގާމުން ވަކިކުރުމަށް ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރެއިން ސިިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ފަސް އޮފިސަރެކެވެ. މައްސަލަ ހުށަހަޅާފައި ނުވަނީ ފަރުހާދު ފިކުރީ އާއި އަހްމަދު ޝުހާދެވެ.

comment ކޮމެންޓް