ފިއޮރެންޓީނާ ބަލިކޮށް މިލާން ތާވަލުގެ ތިންވަނައަށް

ފިއޮރެންޓީނާ ކޮޅަށް ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯސްޕޯޓް

އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު އޭސީ މިލާނުން ކާމިޔާބު ކޮށްފިއެވެ.

އޭސީ މިލާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ފިއޮރެންޓީނާއިންނެވެ. ނަމަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގިނައީ މިލާންގެއެވެ.

މި މެޗުގެ ހަމައެކަނި ލަނޑު މިލާނުން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް މިލާނަށް ލީޑު ހޯދައިދިނީ ތިއޯ ހެނާންޑޭޒްއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް މާ އެދެވޭ ގޮތަކަށް ބޭނުން ކުރެވިފައެއް ނުވެއެވެ.

މި މެޗުގައި މިލާނުގެ ޒުވާން ކުޅުންތެރިޔާ ފްރެންސިސްކޯ ކަމާޑާއަށް ފުރުސަތު ލިބުނީ މިލާންގެ ތަޖުރިބާކާރު ފޯވަޑް އޮލިވާ ޖިރޫ ސަސްޕެންޝަނުގައި ހުރުމުންނެވެ.

ފިއޮރެންޓީނާގެ މައްޗަށް މިލާނުން ހޯދި ކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ 13 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި ފިއޮރެންޓީނާ އުޅެނީ 20 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

comment ކޮމެންޓް