ސިޓީއާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު

ސިޓީ އާއި ލިވަޕޫލަށް ލަނޑު ޖަހައިދިން ހާލަންޑް އާއި އެލެގްޒެންޑާ އަނޯލްޑް ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ -- ފޮޓޯ/ ދި ޕެނިންސޫލާ ޤަތަރު

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވާދަވެރި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ.

ސިޓީން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖަހައި މެޗުގެ ލީޑު ނަގައިފައިވަނީ ސިޓީންނެވެ. ލިވަޕޫލްގެ ކީޕާ އެލިސަން ބެކާއަށް ރަނގަޅަށް ބޯޅަ ކްލިއާ ނުކުރެވުމުގެ ފައިދާ ނަގައި ސިޓީއަށް މި ލަނަޑު ކާމިޔާބު ކޮށްދިނީ އާލިން ހާލަންޑެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު 48 ވަނަ މެޗުގައި ކާމިޔާބު ކުރި 50 ވަނަ ލަނޑެވެ. މިއާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 50 ލަނޑު ހަމަ ކުރި ކުޅުންތެރިޔާއަަށެވެ.

މި ލަނޑާ އެކު ސިޓީން ހަމަޖެހިލިއިރު ލިވަޕޫލުން މަސައްކަތް ކުރަމުންދިޔައީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް ސިޓީގެ ފިލް ފޯޑެންއަށް އެ ޓީމުގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވައިލި ހަމަލާވަނީ އެލިސަން ދިފާއުކޮށްފައެވެ.

ރުބެން ޑިއާޒް ލިވަޕޫލްގެ ގޯލަށް ބޯޅަ ވައްދައިލި ނަމަވެސް އެ ލަނޑު ވަނީ ލިވަޕޫލްގެ ކީޕާ އެލިސަންއަށް ފައުލް ކުރިމަކަށް ރެފްރީ ނިންމުމާ އެކު ލަނޑެއްގެ ގޮތުގައި ބަލައިނުގެންފައެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ޖަހައިދިން ލަނޑަކުންނެވެ. މި ލަނޑާ އެކު ދެ ޓީމުން ވެސް އިތުރު ލަނޑެއް ޖަހައި މެޗު ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

މި މެޗު އެއްވަރުވުމާ އެކު ދެ ޓީމަށް ވެސް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު މި ވަނީ މި ވަގުތަށް ގެއްލިގެން ގޮސްފައެވެ. ސިޓީ އޮތީ 13 މެޗުން ހޯދި 29 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައެވެ. ލިވަޕޫލް އޮތީ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައެވެ. މެޗު އެއްވަރު ވުމުގެ ފައިދާ ނަގައު ތާވަލުގެ އެއްވަނައަށް މިހާރު އަރާފައިވަނީ އާސެނަލެވެ.

comment ކޮމެންޓް