ޓިކްޓޮކުން ބުނަނީ 500 ޑޮލަރުގެ މި ބޫޓަށް އަރަން

ގޯލްޑަން ގޫސް ބޫޓުތަކަކީ ގަންނަ އިރު ވެސް ބާ ކަމަށް ދައްކާ ބޫޓު ތަކެއް

ފެޝަން ޓްރެންޑް އަވަސް އަވަހަށް ބަދަލުވާއިރު އެއްބައި ފަހަރަށް އަންނަ ޓްރެންޑުތަކަކީ ހަޖަމު ކުރަން އުނދަގޫ ޓްރެންޑުތަކެކެވެ. މި ފަހަރު ވައިރަލް ވެގެން މިއުޅެނީ ބޫޓެކެވެ. ސޯޝަލް މީޑިއާއިން ބުނަނީ މިވަރު ކަމުދާ އެއްޗެއް ނެތް ކަމަށެވެ. މިއީ ބާވެ ހަލާކުވާން ފަށާފައިވާ ގޮތަށް ފެންނަ ބޫޓެކެވެ.

ޓިކްޓޮކް އިންފްލުއެންސަރުން އެންމެ ގަދައަށް އަޑު ބާރުކޮށް މިހާރު ދައްކަމުން އަންނަނީ އިޓަލިއަން ހައި ފެޝަން ސްނީކާ ކުންފުންޏެއް ކަމަށްވާ "ގޯލްޑެން ގޫސް"ގެ ބޫޓުތަކުގެ ވާހަކައެވެ.

ގޯލްޑެން ގޫސްއިން ތައްޔާރު ކޮށްފައިވާ ގޯލްޑް ސްޓާ ސްނީކާތައް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަމެއް ހޯދަމުންނެވެ. އެއްބަޔަކަށް މި ބޫޓު ވަރެއް ނެތެވެ. ނަމަވެސް އަނެއް ބަޔަކަށް މިވަރު ހުތުރު އެއްޗެއް ނެތެވެ.

ބަލައި ބެލުމަށް މި ސްނީކާ އަކީ އާދައިގެ ސްނީކަރެކެވެ. ނަމަވެސް ކައިރިން ބަލާލުމުން ފެންނާނީ ވަރަށް ބާ ބޫޓެއްގެ ގޮތުގައެވެ. ކިލާ އަދި އެކި ކަހަލަ ލައްގަނޑުތައް ޖެހިފައި ހުންނަ ގޮތަށް މި ބޫޓު ފެނެއެވެ. ނަމަވެސް މިއީ ކުންފުނިން ގަސްދުގައި ހަދާފައިވާ ގޮތެކެވެ. މިއާއެކު ބޫޓު ސިފަ ވަނީ އެތައް އަހަރެއް ވަންދެއް އަރައި ބާވެ ދޮންނަން ވެފައިވާ ބޫޓެއްގެ ގޮތުގައެވެ.

މި ކުންފުނިން ބޭނުންވަނީ "ވޯން އައުޓް" ލުކްއެއް ގެންނާށެވެ. އެއާ އެކު ތައްޔާރު ކުރި މި ޑިޒައިން އެތައް ބަޔަކު ގަންނަމުން އަންނައިރު އާންމުންގެ ގިނަ ބަޔަކަށް މި ކަމަކު ނުދެއެވެ.

އަދި، މި ބޫޓު ވިއްކާ އަގަކީ ވެސް އާންމުންނަށް ހަމަ އެއްގޮތަކަށް ވެސް ހަޖަމުވާ ކަމެއް ނޫނެވެ. މި ބޫޓު ވިއްކަން ފަށާ އަގަކީ 500 އެމެރިކާ ޑޮލަރުން މަތިންނެވެ. އަދި ބައެއް މޮޑެލްތައް 1،000 ޑޮލަރާ ގާތް ކުރެއެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ މި ޓްރެންޑަށް ފާޑު ކިޔަމުންނެވެ. ބޮޑު އަގު ދީފައި ބާ ވެފައިވާ ބޫޓެއް ގަންނަން ބޭނުން ނުވާނެ ކަމަށް އެތައް ބަޔަކު ބުނެއެވެ.

ނަމަވެސް އިންފްލުއެންސަރުން ބުނަމުން އަންނަނީ މިއީ ކެޝުއަލް ލުކްތަކަށް އެންމެ ކަމުދާ ބޫޓު ކަމަށެވެ. މި ޓްރެންޑު އެކަމު އާންމުންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

comment ކޮމެންޓް