އެކްސްއަށް 75 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް

މާލީ އަހަރު ނިމޭއިރު އެކްސްއަށް އިޝްތިހާރުތަކުން ލިބެންޖެހޭ މާލީ ފައިދާއިން 75 މިލިއަން ޑޮލަރު ގެއްލި ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބިލިއަނަރު އީލޮން މަސްކްގެ ހިއްސާ އޮންނަ އެކްސްއަށް ބޮޑެތި ބްރޭންޑްތަކުން އެކްސްގައި ކުރަމުން އައި އިސްތިހާރުތައް އަނބުރާ ގެންދިއުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ނިޔަލަށް އިޝްތިހާރުގެ އާމްދަނީގެ ގޮތުގައި 75 މިލިއަން ޑޮލަރު ގެއްލުމުގެ ބިރު އެބައޮތް ކަމަށް ނިއުޔޯކް ޓައިމްސްއިން ވަނީ ރިޕޯޓު ކޮށްފައެވެ.

މިދިޔަ ހަފުތާގައި އެންޓިސެމިޓިކް ޕޯސްޓަކަށް އެ ޕްލެޓްފޯމްގައި މަސްކް ތާއީދު ކުރުމުން ވޯލްޓް ޑިޒްނީއާއި ވޯނާ ބްރޯސް އަދި ޑިސްކަވަރީ ފަދަ ކުންފުނިތަކުން ވަނީ އެކްސްގައި އިޝްތިހާރުކުރުން ހުއްޓާލައިފައެވެ.

ނިއު ޔޯކް ޓައިމްސްއިން ބުނީ މި ހަފުތާގައި އެ އެޖެންސީން ބެލި އެތެރޭގެ ލިޔުންތަކުގައި އެއާބީއެންބީ، އެމެޒޯން، ކޮކާކޯލާ އަދި މައިކްރޮސޮފްޓް ފަދަ ކުންފުނިތަކުގެ 200 އަށް ވުރެ ގިނަ އިޝްތިހާރު ޔުނިޓްލިސްޓުކޮށްފައިވާ އިރު، އޭގެ ތެރެއިން ގިނަ ކުންފުނިތަކުގެ އިޝްތިހާރުތައް މަޑުޖައްސައިލަން ވިސްނަމުންދާ ކަމަށް ބުނެފައިވާ ކަމަށެވެ.

މި ވާހަކަތަކަށް ބާރުލިބޭ ގޮތަށް މިދިޔަ ހުކުރު ދުވަހު އެކްސްއިން ބުނީ އާމްދަނީގެ ގޮތުގައި 11 މިލިއަން ޑޮލަރު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އެހާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އިޝްތިހާރުކުރާ ބައެއް ފަރާތްތަކުން އެނބުރި ޕްލެޓްފޯމަށް އައި ނަމަވެސް އަނެއް ބަޔަކު އިޝްތިހާރު ކުރުން ހުއްޓާލުމުން ކަމަށެވެ.

ނިމުނު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަސްކް ޓްވިޓާ ގަތް ފަހުން އިޝްތިހާރުކުރާ ފަރާތްތަކުން އެކްސް ދޫކޮށް ގޮސް ފައިވާއިރު، ކޮންޓެންޓް މޮޑަރޭޝަން ދަށްވުމުގެ ސަބަބުން އެ ސައިޓުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ.

ރޮއިޓާސްއިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްކް ހަވާލުވި ފަހުން ކޮންމެ މަހަކު ވެސް އެ ޕްލެޓްފޯމްގެ އެމެރިކާގެ އިޝްތިހާރުގެ އާމްދަނީ ވަނީ އަހަރަކު މަދުވެގެން 55 ޕަސެންޓް ދަށަށް ގޮސްފައެވެ.

comment ކޮމެންޓް