މިއީ ދުނިޔޭގެ އެންމެ ހަނި ހޮޓެލް!

އިންޑޮނޭޝިޔާގެ ސެންޓްރަލް ޖާވާގެ ސަރަޙައްދެއް ކަމަށްވާ ސަލާޓިގާގައި އިމާރާތްކޮށްފައިވާ މި ހޮޓަލަށް "ވޯލްޑްސް ސްކިނިއަސްޓް ހޮޓެލް"ގެ ނަމުން އިންޓަނެޓްގައި ނަންދީފިއެވެ.

ޕީޓޫ ރޫމްސް މަޝްރޫޢުގެ ދަށުން މި އިމާރާތް ފަރުމާކޮށްފައިވަނީ އެރީ އިންދްރާ އާކިޓެކްޓް ގްރޫޕުންނެވެ.

ފަސް ފަންގިފިލާ ހިމެނޭ ގޮތުން ހަދާފައިވާ މި އިމާރާތުގެ ފުޅާމިނަކީ ނުވަ ފޫޓެވެ. އަދި، މި އިމާރާތުގައި ހަދާފައިވަނީ ޖުމްލަ ހަތް ކޮޓަރިއެވެ. އިމާރާތުގެ އެންމެ މަތި ބޭނުންކުރަނީ ރޫފްޓޮޕް ލައުންޖަކަށެވެ.

މި އިމާރާތް ފަރުމާކޮށް ބިނާކުރުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ހަނި ޖާގަ ކަމަށާއި، އެހެންނަމަވެސް އިމާރާތް ބިނާކޮށްފައިވާނީ، ފައުންޑޭޝަން ރަނގަޅަށް އަޅައިގެން އިމާރާތުގެ އުސްމިން ހިފަހައްޓާނެ ގޮތަށް ބަލައިގެން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، ވައި ދައުރުކުރުމަށް ފުރިހަމަ ވެންޓިލޭޝަން ނިޒާމެއް ޤާއިމްކޮށްފައިވާނެ ކަމަށް ވެސް އެރީ އިންދްރާއިން ބުނެއެވެ.

އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި މި މަޝްރޫޢު ކުރިއަށްގެންދިއައިރު ކުރިމަތިވީ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ، ހޮޓެލް ސިނާޢަތުގެ ޒަމާންވީ ޤަބޫލުކުރުންތައް ކަމަށްވާ، ޖާގަ ބޮޑު، އަގުބޮޑު ފުރިހަމަ ކޮޓަރިތައް ބިނާކުރުމުގެ ވިސްނުމެވެ. އެހެންކަމުން އެ ކުންފުނިން އެންމެ ބޮޑަށް މަސައްކަތްކުރީ ކުދި ޖާގައިގައި ވެސް ގެސްޓުންނަށް ހިތްހަމަޖެހޭ މާހައުލެއް ޤާއިމްކޮށްދެވިދާނެކަން ހާމަކޮށްދިނުމަށެވެ.

އެގޮތުން އެ ހޮޓެލްގައި މިހާތަނަށް މަޑު ކުރި ގެސްޓުންގެ ފަރާތުން ވަރަށް އެދެވޭ ޕޮޒިޓިވް ފީޑްބެކް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މި އިމާރާތަށް ސޯޝަލް މީޑިއާގައި ވެސް ވަނީ ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައެވެ. މި އިމާރާތް ބިނާކޮށްފައިވާ ބިމަކީ، ސަލާޓީގައި ކުނި ޖަމާކުރުމަށް ކުރިން ބޭނުންކުރި ހުސްބިމެކެވެ. ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ ސަލާޓިގާގައި ދެ ލައްކަ މީހުންގެ އާބާދީއެއް ދިރިއުޅެއެވެ.

comment ކޮމެންޓް