ހާލަންޑް، ސިޓީގެ ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފި

ހާލަންޑް، ސިޓީގެ ތަމްރީނުތަކުގައި ބައިވެރިވަނީ -- ފޮޓޯ/ މެންޗެސްޓާ ސިޓީ

ފައިގެ އަނިޔާއަކާ ކުރިމަތިލާން ޖެހުނު ނޯވޭގެ ފޯވަޑް އާލިން ހާލަންޑް، މެންޗެސްޓާ ސިޓީގެ ތަމްރީނުތަކަށް އަލުން ނުކުންނަން ފަށައިފިއެވެ.

ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ހާލަންޑްގެ ފަޔަށް އަނިޔާވެފައިވަނީ ޔޫރޯ ކޮލިފައިންގައި ނޯވޭއަށް ކުޅެމުން ދަނިކޮށެވެ.

ފެރޯ އައިލެންޑްސްއާ ކުޅުނު އެ މެޗުގައި ހާލަންޑަށް އަނިޔާވުމާ ގުޅިގެން ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފެނިފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ހާލަންޑަށް ގެއްލޭނެކަމުގެ ބިރާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އޭނާ ވަނީ ސިޓީގެ ޓީމާއެކު ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފައެވެ. އެހެންކަމުން މާދަމާގެ މެޗުގައި ކޯޗު ޕެޕް ގާޑިއޯލާ، ހާލަންޑް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.

ހާލަންޑްގެ އިތުރުން އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ސްޕެއިން މިޑްފީލްޑަރު ރޮޑްރީ އާއި ބްރެޒިލް ގޯލްކީޕަރު އެޑަސަން އަދި ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ ވެސް ވަނީ ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފައެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލުން ލީގު މެޗަށް ނުކުންނާނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 5:30 ގައެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗާ ކުރިމަތިލާ އިރު، ލީގު ތާވަލުގައި ސިޓީ އާއި ލިވަޕޫލާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

comment ކޮމެންޓް