މަދަނީ ހައްގުތައް ނުލިބުމުން ޝަކުވާ ހުށަހަޅާނެ ރަސްމީ ނިޒާމެއް ގާއިމްކޮށްފި

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ރައްޔިތުންނަށް ލިބެންޖެހޭ މަދަނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ގާއިމްކުރި ''އޮފީސް ފޯ ސިވިލް ރައިޓްސް''ގެ މަސައްކަތް ފަށައި، ޝަކުވާ ހުށަހަޅާނެ ރަސްމީ ނިޒާމެއް މިއަދު ގާއިމުކޮށްފިއެެވެ.

އަލަށް ފެށި އެ އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުން އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ރައިޓްސް އޮފީހުގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގާނޫނާއި، ގާނޫނޫގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހުރިހާ މަދަނީ ހައްގުތަކެއް ލިބެމުން އަންނަކަން ކަށަވަރުކުރުންކަމަށެވެ.

ހަމައެއާއެކު އެ ހައްގުތައް ލިބުމުގައި، ނުވަތަ ހޯދައިދިނުމުގައިި ގެންގުޅޭ ތަފާތުކުރުންތައް ދެނެގަނެ، އެ ފަދަ ކަންކަމާ ގުޅޭ ޝަކުވާތައް ބަލައިގަތުންކަމަށެވެ. އަދި އެ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަކީ ވެސް އެ އޮފީހުގެ މެންޑޭޓުގައި ހިމެނޭ މަސައްކަތެކެވެ.

ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގައިޑްލައިނެއް ވެސް އެ އޮފީހުންވަނީ ކަނޑައަޅައިފައެވެ. އަދި ޝަކުވާ ބަލައިގަތުމުގައި ވެސް ވަކި ކަންތައްތަކަކަށް ބަލާނެއެވެ.

އޭޖީ އޮފީހުން ބުނީ އެ މައުލޫމާތުތަކާއި، ޝަކުވާ ހުށަހަޅާ ފޯމު މިހާރު އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.

comment ކޮމެންޓް