ޞާލިހްގެ ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރަސީދުތައް ހާމަކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް: ރައީސް އޮފީހުން ވަނީ ޞާލިހްގެ ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރަސީދުތައް ހާމަކޮށްފަ ---- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އދ. ގައި ތަގުރީރުކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރަސީދުތައް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

އެ ރަސީދުތައް ހާމަކުރިކަން ފާހަގަކުރައްވައި، އެ މައުލޫމާތު ހޯދުމަށް އެދި ރައީސް އޮފީހަށް ހުށަހެޅި ނޫސްވެރިޔާ އަދި މިހާރު އައްޑޫ ހިތަދޫ މެދު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރު އަހުމަދު އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޞާލިހްގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް ލިބިފައިވާ ކަމަށާއި މި ރަސީދުތައް ހާމަކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކަމަށެވެ.

އދ. ގައި ތަގުރީރުކުރައްވަން ޞާލިޙް އެމެރިކާއަށް ވަޑައިގަތީ ސެޕްޓެމްބަރު 2021ގައެވެ. އެ ދަތުރުފުޅުގެ ޚަރަދުތަކާއި ރަސީދުތައް ހާމަކުރަން އަޒާން ހުށަހެޅުއްވީ، ސެޕްޓެމްބަރު 27، 2021ގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، ޞާލިޙްގެ ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރަސީދުތައް ހާމަކުރަން ހައިކޯޓުން އެންގީ ގޯސްކޮށް ކަމަށާއި އެ ރަސީދުތައް ހާމަކުރަން ނުޖެހޭނެ ކަމަށެވެ. އަދި ހައިކޯޓުގެ ނިންމުން ބާތިލުކުރަން ވެސް ދައުލަތުން އެދުނެވެ.

އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ދައުލަތުން ބުނުމުން އަޒާން ވަނީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމަށް ފަހު އޭގެ ރަސީދަކީ ޒާތީ މައުލޫމާތަކަށް ނުވާނެ ކަމަށާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިސްނުން ބަދަލުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެއެވެ.

https://sun.mv/194670

އެ ނިންމުން ބަދަލުކޮށް މިދިޔަ އަންގާރަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލައިގައި ހައިކޯޓުގެ ނިންމުން އަލުން ދިރާސާކުރުމަށް ފަހު މައްސަލަ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ ނިންމުމާ އެއްގޮތަށް މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައި ވާކަމަށާއި ހައިކޯޓުން ނިންމައިފައިވާ ގޮތުގެ މަތިން، އެ މައުލޫމާތުތައް ހިއްސާ ކުރުމަށް ރައީސް އޮފީހަށް ލަފާ ދީފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް