ކަން ނުވެގެން ސުވާލުކުރީމާ އީޕީއޭއިން ބުނީ ފައިސާއެއް، ވަސީލަތެއް ނެތޭ

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް: އޭނާ ވިދާޅުވީ ޖޫރިމަނާތައް ލަސްވަނީ، ކަމަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާ ނެތުމުން ކަމަށް --

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދަނީ، ކަމަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓުގެ ދަތިކަން ހުރުމުން ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފިއެވެ.

ތިމާވެއްޓަށް ލިބޭ އެކިއެކި ގެއްލުންތަކުގައި އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައުލަތަށް ނުލިބި ދިގުދެމިގެންދާ ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީއަށް އެ އެޖެންސީ ވަނީ މިއަދު ހާޒިރުކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ އެކަން ދިމާވަނީ އީޕީއޭގެ ފަރުވާކުޑަކަމުން ކަމަށް ބުނެފައެވެ.

https://sun.mv/195394

އެ ކަމަށް ޖަވާބުދާރީވެ، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ޖޫރިމަނާގެ ފައިސާ ހޯދުމުގައި ވަރަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ.

ނައީމް ވަނީ އީޕީއޭ އުފެދިފައި އޮތް ގޮތުން، ގަވާއިދުގެ ދަށުން މައްސަލަ ހިފައިގެން ކޯޓަށް ނުދެވޭކަން ފާހަގަކުރައްވާފައެވެ. ފަރަށް އެރީތޯ ނޫނީ ނާރާތޯ ޔަގީންނުކުރެވޭ މައްސަލަތައް ވެސް ޕެންޑިންގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ހާލަތްތަކުގައި ފަރަށް އެރުމުން ވެސް ފަރަށް ނާރައޭ ބުނެފައި ވެސް އެބަހުރިކަން ފާހަގަކުރެއްވިއެވެ.

އީޕީއޭއިން ހުށަހަޅާ މައްސަލަތައް އޮޑިޓާ ޖެނެރަލް (އޭޖީ)ގައާއި އެންވަޔަރަމަންޓް މިނިސްޓްރީގައި ވެސް ފުނިޖެހިފައި ހުރިކަން ނައީމް ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެންގެ ތެރޭގައި ތަމުރީނުވެފައި ތިބި މީހުން ވެސް މަދު. އެންމެ ބޮޑު މައްސަލައަކީ އީޕީއޭއަށް މައްސަލަ ހިފައިގެން ދާންޖެހޭ ތަންތަނަށް ނުދެވުން. އެ ބާރުތަކެއް ނެތް. އީޕީއޭއިން ޖެހޭނީ އެޓާނީ ޖެނެރަލްއަށް ދަންނަވަން، އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް

ނައީމް ވިދާޅުވީ، ޖޫރިމަނާއާ ގުޅޭ ކަންކަމުގައި މީހުން ހީކުރާ ވަރުގެ ބާރެއް އީޕީއޭއަށް ލިބިފައި ނެތް ކަމަށެވެ.

ހަމައެއާއެކު މި ފަހަކާ ޖެހެންދެން ވެސް އީޕީއޭގައި އަމިއްލަ ލޯޔަރެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އިންޓަނޭޝަނަލް ބޮޑެތި ކުންފުނިތަކުން އޮޕަރޭޓު ކުރާ ބޯޓު ފަހަރު ރާއްޖޭގެ ފަރުތަކަށް އަރައިގެން ޖޫރިމަނާ ކުރާ ކޭސްތަކުގައި ވެސް، އެ ފަރާތްތަކުން "ބޮޑެތި ލޯޔަރުންނާއި ވަރަށް ވަރުގަދަ މީސްމީހުން" އަންނަ ކަމަށް ނައީމް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި އީޕީއޭގައި އެ ރިސޯސަސް ނެތްކަން ފާހަގަކުރެއްވިއެވެ. އެ ކަމަށް ހައްލެއް ލިބޭނީ އީޕީއޭ ބާރުވެރިކޮށްގެން ކަމަށް ނައީމް ވިދާޅުވިއެވެ.

ބަޖެޓު އެންމެ ދަތިކަމަކީ، އިދާރީ ކަންކަންކޮށް މުވައްޒަފުންނަށް މުސާރަދީ އެހެން ކަމަކަށް ބަޖެޓެއް ނޯވޭ. ފައިސާއެއް ނުލިބޭ، އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް

ނައީމް ވިދާޅުވީ، އާއްމުގޮތެއްގައި ކުދިކުދި އަދަދުތަކުން ޖޫރިމަނާކޮށްފައިވަނީ ދިވެހީން ކަމަށެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ހުންނާނީ ބޭރުގެ ފަރާތްތައް ކަމަށެވެ. އެެގޮތުން، ފާއިތުވީ ތަނުގައި އެ އެޖެންސީން އެންމެ ބޮޑު އަހައްމިއްޔަތުކަން ދީފައިވަނީ ޖޫރިމަނާކުރި ބޮޑެތި އަދަދުތައް ހޯދުމަށް ކަމަށް ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ބުނީ ވޭތުވީ ދެ ތިން އަހަރު ތެރޭ 37 މައްސަލައެއްގައި 228 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދާފައިވާނެ ކަމަށެވެ.

ކޮމިޓީން ވަނީ ޖޫރިމަނާގެ ކޭސްތައް އެންވަޔަރަމަންޓް މިނިސްޓަރާ ހަމައަށް ގެންގޮސް މިނިސްޓްރީ ލެވަލްގައި ނިންމަންޖެހޭ ކަންކަން ނިންމާނެކަމުގެ ޔަގީންކަން އީޕީއޭއަށް އަރުވާފައެވެ. އަދި، ބަޖެޓު މަރުހަލާގައި އީޕީއޭއަށް ރަނގަޅު އަދަދެއް ހިމަނައިދެއްވާނެ ކަމަށް ވެސް ކޮމިޓީ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ތިމާވެއްޓަށް ގެއްލުމެއް ވެގެން މީގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން އެތައް ޖޫރިމަނާތަކެއް ކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް، ގިނަ ފަހަރަށް އެ ފައިސާ ދައުލަތަށް ލިބިފައެއް ނެތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭ މިނިވަންނުކުރި ނަމަވެސް ބޭނުންވާ މިނިވަންކަމާއި ބާރުވެރިކަން ފޯރުކޮށްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް