ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުކަމަށް އަލިފުށި ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު އިންތިޚާބުކޮށްފިއެވެ.
އޭނާ މި މަގާމަށް އިންތިޚާބުކުރީ ޕީޖީ ލީޑަރަކު ހޮވުމަށް މިއަދު ހަވީރު ބޭއްވި އިންތިޚާބުގައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް ވާދަަކުރެއްވީ ތިން މެމްބަރުންނެވެ. އެއީ
- މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
- އަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
- އަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ
ބިގޭއަށް 28 ވޯޓު ލިބިލެއްވިއިރު ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިލެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށެވެ. އޭނާއަށް ލިބިލެއްވީ 20 ވޯޓެވެ. މެމްބަރު އަބްދުލް ޣަނީއަށް ލިބިލެއްވީ އެންމެ ދެ ވޯޓެވެ.
ޕީޖީ ލީޑަރަކު ހޮވަން ބޭއްވި މި އިންތިޚާބުގައި ވޯޓުލައިފައިވަނީ 51 މެމްބަރުންނެވެ. ބާތިލު އެއް ވޯޓު ލައިފައިވެއެވެ.
ކުރިން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ޕީޖީ ލީޑަރުގެ މަގާމު ހުސްވީ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވުމާއެކު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވާއިރު، ދެން ބިގޭ ވެލައްވާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށެވެ.