އާޖެންޓީނާގެ ކޯޗުކަމުން ސްކަލޯނީ އިސްތިއުފާ ދޭން އުޅޭކަމުގެ އިޝާރާތެއް

އާޖެންޓީނާގެ ކޯޗު ސްކަލޯނީ އާއި ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދޭން އުޅޭކަމުގެ އިޝާރާތެއް ކޯޗު ލިއޮނެލް ސަކަލޯނީ ދީފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި ވާދަވެރި ބްރެޒިލް އަތުން 1-0ގެ ނަތީޖާއަކުން އާޖެންޓީނާ ވަނީ މޮޅުވެފައެވެ. އާޖެންޓީނާއިން ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި އެ ޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއެވެ.

ބްރެޒިލްގެ ފުލުހުންނާއި އާޖެންޓީނާ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން އެ މެޗު ވަގުތުތަކަކަށް މެދުކަނޑާލަން ވެސް ޖެހުނެވެ. ބްރެޒިލް ފުލުހުންގެ ހަމަލާތަކާ ގުޅިގެން އާޖެންޓީނާގެ ބައެއް ސަޕޯޓަރުންނަށް ބޮޑެތި އަނިޔާތަކެއް ވެސް ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕާއި 2021ގެ ކޮޕާ އެމެރިކާ، އާޖެންޓީނާއިން ކާމިޔާބުކުރީ ސްކަލޯނީގެ އިރުޝާދުގެ ދަށުންނެވެ. ވޯލްޑް ކަޕަށް ފަހު މިހާތަނަށް އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން އާޖެންޓީނާ މޮޅުވެފައިވާ އިރު، ސްކަލޯނީ ގަބޫލުކުރާ ގޮތުގައި އާޖެންޓީނާއަށް ބޭނުންވަނީ ދާއިމީ ގޮތެއްގައި ޓީމާ އެކު ހުރެވޭނެ ކޯޗެކެވެ.

"އަހަރެން ވަރަށް ފުންކޮށް ވިސްނަން ޖެހޭ. ނަމަވެސް އަދި މިއީ އަލްވަދާއު ކިޔަނީކީ ނޫން. އާޖެންޓީނާގެ މި ޓީމުން ބޭނުންވަނީ ދާއިމީ ގޮތެއްގައި އަބަދު ވެސް ހުންނަން. މި ޓީމުން ބޭނުން ވަނީ ހަކަތަ ހުރި ކޯޗެއް،" ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުންޏެވެ.

ވޯލްޑް ކަޕް 2018 އަށް ފަހު އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވި ސްކަލޯނީ އިރުޝާދު ދިން 67 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ހަ މެޗުންނެވެ.

comment ކޮމެންޓް