ސްކޫލުތަކުގެ ލައިބްރަރީތަކުގައި ހުރި ދީނާ ފުށުއަރާ ފޮތްތައް ނަގަން އަންގައިފި

އަމީރު އަހްމަދު ޕްރީސްކޫލްގެ ޓީޗަރަކު ކްލާހުގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ރާއްޖޭގެ ސްކޫލުތަކުގެ ލައިބްރަރީތަކުގައި ހުރި އިސްލާމްދީނާ ފުށުއަރައި ފޮތްތައް ނަގައި، އެ ފޮތްތައް ނައްތައިލުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ސްކޫލުތަކަށް ފޮނުއްވި ސިޓީއެއްގައިވަނީ ސްކޫލުތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ފޮތްތަކަގެ ތެރެއިން ބައެއް ފޮތްތަކަކީ ދީނީ އަގީދާއާ ފުށުއަރާ ފޮތްތަކެއްކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެއާއެކު މިނިސްޓަރުވަނީ، ސްކޫލުތަކުގައި ބޭނުންކުރާ ފޮތްތަކާއި އެހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހި ސަގާފަތާ އާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރުކުރުމަށް ދަންނަވައިފައެވެ.

އަދި އަމިއްލަ މީހުންނާއި އެކި ޖަމިއްޔާތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް، ލައިބްރަރީތަކުގައި ބޭނުންކުރުމުގެ ކުރިން އެއީ، ދަރިވަރުން ބޭނުންކުރުން އެކަށީގެންވާ ތަކެތިތޯ ޔަގީންކުރުމަށް ވެސް ވަނީ ދަންނަވައިފައެވެ.

އެއާއެކު ދީނީ އަގީދާއާ ފުށުއަރާ، ނުވަތަ ދިވެހި ސަގާފަތާ ދުރު ފޮތެއް ނުވަތަ އެ ފަދަ ވަސީލަތެއް ފާހަގަވާނަމަ އެ ތަކެތި ނައްތައިލުމަށް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރުމަށް ސްކޫލުތަކަށްވަނީ އަންގައިފައެވެ.

އެހެން ދީންތައް ޕްރޮމޯޓްވާފަދަ ފޮތްތަކެއް ދަރިވަރުންގެ މެދުގައި ސްކޫލަކުން ބަހައިގެން ވެސް ބެލެނިވެރިން ނުރުހުން ފާޅުކުރުން ފަދަ ކަންކަން މީގެ ކުރިން ހިނގައިފައިވެއެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، ފުރަތަމަ ހަފުތާގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން ސްކޫލުތަކަށް އަންގައިފައިވާއިރު، މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުގެ ތެރޭގައި ގައުމިއްޔަތު ދިރުވައި އާލާކޮށް، އިސްލާމީ ތަރުބިއްޔަތުގެ މަތީ ބޮޑުވާ ޖީލެއް ބިނާކުރުން ހިމެނެއެވެ.

comment ކޮމެންޓް