މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކެއް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިއަދު ރައީސް އޮފީހުން ފަށައިފިއެވެ.
ރައީސް އޮފީހުން ވަނީ އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށް ބުނެފައެވެެ.
މި މަސައްކަތް އެއްކޮށް ފުރިހަމަވުމުން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދޭނީ މާލޭ ސިޓީ ކައުންސިލުންނެވެ.
މިހާރު ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މުނިސިޕަލް ޚިދުމަތްތައް ދެނީ އާބަންކޯއިންނެވެ. މިއީ ރައީސްކަމުގެ މަގާމުގެ ކުރިން މާލޭގެ މޭޔަރުކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުންނެވިއިރު ވެސް ކަންބޮޑުވުން ފާޅުކުރެއްވި ކަމެކެވެ.
އޭގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޓަކައި ސިޓީ ކައުންސިލަށް އެކި ދަތިތައް ކުރިމަތިވަމުން އައިކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއާއެކު މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭ ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
ރިޔާސީ އިންތިޚާބަށްފަހު، އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނުވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.