ހުޅުމާލެ، ހިތިގަސް މަގު ބުރިޖު މަތިން ވެއްޓުނު މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ، ހިތިގަސް މަގު ބުރިޖުން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ރޭ ފަތިހު 05:42 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް އެޓެންޑުވެ އެމީހާ ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ނެގީ ދެ ފުލުހުން މޫދަށް ފުންމާލައިގެންނެވެ.
ހެނދުނު 06:13 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް އެ މީހާ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ހާދިސާ ހިނގައިދިޔަ ގޮތެއް ފުލުހުން ހިއްސައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ޓްރެފިކް ބަލަހައްޓާ ދެ ފުލުހުން މީހަކު ސަލާމަތްކުރާ މަންޒަރު ފެނެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި މޫދަށް ވެއްޓިފައި ވަނީ ފިރިހެނެކެވެ.