ވަރާން ގެންދިއުމަށް ބަޔާނުން މަޝްވަރާކުރަނީ

މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ގެންދިއުމަށް ބަޔާން މިއުނިކުން މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވަރާން ގެންދިއުމާ މެދު ބަޔާންގެ އެތެރޭގެ މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ. އެހެންކަމުން އޭނާ ގެންދާނީ ލޯނުގެ ދަށުންތޯ ނުވަތަ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުންތޯ އަދި ނިންމާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުން ވަރާންއަށް މިހާރު ވެސް 14.9 މިލިއަން ޕައުންޑް (18.6 މިލިއަން ޑޮލަރު)ގެ މުސާރައެއް ދެއެވެ. ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ގެންދާ ނަމަ، ބަޔާނުން ޓްރާންސްފާ ފީގެ ގޮތުގައި 26.3 މިލިއަން ޕައުންޑް (32.9 މިލިއަން ޑޮލަރު)ގެ ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް މެޑްރިޑުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު، ޔުނައިޓެޑާ ވަރާން ގުޅުނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ޔުނައިޓެޑުގައި އޭނާއަށް އަނިޔާގެ މައްސަލަތަކާ ގުޅިގެން ޓީމުން ފުރުސަތު ހޯދުމަށް ވެސް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިސީޒަނުގައި ވެސް ވަރާންގެ ބަދަލުގައި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އާންމުކޮށް ބޭނުންކުރަނީ ޖޯނީ އެވާންސްއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔުނައިޓެޑުގެ ޓީމުން ގަވާއިދުން ފުރުސަތު ނުލިބޭ ނަމަ، އަންނަ ޖެނުއަރީ ޓްރާންސްފާގައި ވަރާން އެހެން ކްލަބަކާ ގުޅުމަކީ ގާތް ކަމެކެވެ.

comment ކޮމެންޓް