އޭސީއަށް ފަހު ހިޓާޗީ ފްރިޖު ވެސް ހަކަތަރި ލޭބަލަށް

އެސްޓީއޯ ޕީޕަލްސް ޗޮއިސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކަރަަންޓު އާލަތްތަށް ހިންގުމަށް ހަކަތަ ބޭނުންވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް ކަމަށްވާ 'ހަކަތަރި' ލޭބަލް, އޭސީއަށް ފަހު އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖުތަކުގައިވެސް ޖަހަން ފަށައިފިއެވެ.

ހަކަތަރި އަކީ ކަރަންޓަަށް ކުރާ ހަރަދު ކުޑަ ކުރުމަށް ބާރުއަޅައި، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖުގެ 14 ވަނަ މޮޑަލެއްގައި މިހާރު ހަކަތަރިގެ ލޭބަލް ޖަހާފައިވާ ކަމަށެވެ. މި މޮޑަލް ތަކުގެ ތެރޭގައި، ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ހަކަތަރި ލޭބަލަކީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައި ހުންނަ ލޭބަލެކެވެ. މި ލޭބަލުގައި ޖަހާފައި ހުންނަ ނަންބަރު އެކެއް އެއީ ، ވަސީލަތްތަށް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ އުފެއްދުން ތަކެވެ. އަދި މި ލޭބަލުގައި ނަންބަރު މަތިވާ ވަރަކަށް އޭގެން އަންގައިދެނީ، އެ އުފެއްދުމެއް ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯ އަކީ ހަކަތަ ސަމަކާރަ ޖަހަންފެށި އެންމެ ފުރަތަމަ ކުންފުންޏެވެ. އެގޮތުން 2022 ވަނަ އަހަރު އެންމެ ފުރަތަމަ އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހަ މޮޑަލެއްގެ އޭސީގައި، ދިވެހިން ލިޔެފައިވާ، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ލޭބަލެއް ޖަހާފައެވެ.

މިގޮތަށް ލޭބަލް ޖެހި އޭސީތަކުގެ ތެރޭގައި، އާންމުކޮށް ހުންނަ އޭސީ ތަކަށްވުރެ، 42 އިންސައްތަ މަދުން ކަރަންޓު ބޭނުންކުރާ އެއާ ކޮންޑިޝަނާތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.

comment ކޮމެންޓް