އިންޑިއާ ބަލިކޮށް އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގެ ތަށި އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފިއެވެ.
އިންޑިއާގެ އަހްމަދުއާބާދުގައި ކުޅުނު ފައިނަލް މެޗު އޮސްޓްރޭލިއާއިން ކާމިޔާބު ކުރީ ހަ ވިކެޓުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ކަމަށްވާ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.
އިންޑިއާއިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 240 ލަނޑެވެ. އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 66 ލަނޑު ހަދައިދިން ކޭއެލް ރާހުލްއެވެ. އަދި، ވިރާތު ކޯލީ 54 ލަނޑު ހަދައިދިން އިރު ކެޕްޓަން ރޯހިތު ޝަރްމާއަށް ހެދުނީ 47 ލަނޑެވެ. މެޗުގައި އިންޑިއާގެ އުންމީދިީ ދެ ބެޓްސް މަނުންކަމަށްވާ ޝުބްމަން ގިލްއާއި ޝްރެޔާސް އިޔާރު ނުބައިވެފައިވަނީ އެންމެ ހަތަރު ލަނޑަށެވެ.
މި އީނިންގްސްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 55 ލަނޑަށް ތިން ވިކެޓް ނަގައިދިން މިޝޭލް ސްޓާކެވެ. އަދި، ކެޕްޓަން ޕެޓް ކަމިންސްއާއި ޖޯޝް ހޭޒްލްވުޑް ވަނީ ދެ ވިކެޓް ނަގައިދީފައެވެ.
ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރައި 43 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ހަދައި ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ.
މެޗުގައި އޮސްޓްރޭލިއާގެ ވެސް ތިން ވިކެޓް ވަރަށް ކުރީ ކޮޅު ގެއްލުނު ނަމަވެސް ޓްރެވިސް ހެޑް އާއި މާނުސް ލަބުޝޭންގްގެ ޕާޓްނާޝިޕް ވެގެންދިޔައީ މި މެޗު އެ ޓީމަށް ކާމިޔާބު ކުރެވުނު އަސްލަށެވެ. މިގޮތުން ހެޑް ވަނީ 137 ލަނޑު ހަދައިދީފައެވެ. އަދި، ލަބުޝޭންގްވަނީ 58 ލަނޑު ހަދައިދީފައެވެ. އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ނުވަ އޯވަރު 43 ލަނޑަށް ދެ ވިކެޓް ނަގައިދިން ޖަސްޕްރީތު ބުމްރާހްއެވެ.
މުބާރާތުގައި އެއްވެސް ޓީމެއް އަތުން ބަލިނުވެ ފައިނަލަށް ދަތުރު ކުރި އިންޑިއާއަށް މި މެޗުގައި އޮސްޓްރޭލިއާ ކައިރީ އެއްވެސް ކަމަކުން ކުރި ހޯދޭ ގޮތެއްނުވިއެވެ. އޮސްޓްރޭލިއާއިން މިމުބާރާތް ނިންމާލީ ފުރަތަމަ ދެ މެޗުން ބަލިވުމާ އެކު ވެސް މުބާރާތުގައި ވާދަކުރި ހުރިހާ ޓީމެއް ބަލިކޮށް ޖެހިޖެހިގެން ނުވަ މެޗު ކާމިޔާބުކޮށްގެންނެވެ.
މިއީ އޮސްޓްރޭލިއާއިން ކްރިކެޓް ވޯލްޑް ކަޕު ކާމިޔާބު ކުރި ހަވަނަ ފަހަރެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އޮސްޓްރޭލިއާގެ ކެޕްޓަން ކަމިންސް ބުނީ އެ ޓީމުގެ އެންމެ މޮޅު ކުޅުން ފައިނަލް މެޗަށް ބޭއްވީ ކަމަށެވެ. ފީލްޑް ކުރި އިރު ހުރިޙާ ކުޅުންތެރިންގެ ފަރާތުން ވެސް މި ތަށި ބޭނުންވެފައިވި މިންވަރު ވަރަށް ރަނގަޅަށް ފާހަގަވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގެ ކެޕްޓަން ރޯހިތު ބުނީ، މި މެޗުގައި އޭނާގެ ޓީމަށް އެއްވެސް ވަރަކަށް ނުކުޅެވުނު ކަމަށެވެ. ނަމަވެސް މި ޓީމު މުބާރާތުގައި ދެއްކި ކުޅުމާ މެދު އޭނާ ފަހްރުވެރިވާ ކަމަށް ރޯހިތު ބުންޏެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އިންޑިއާގެ ބެޓްސްމަން ވިރާތު ކޯލީއަށެެވެ.