މިސްރަށް ދޭ އެހީ އިތުރުކުރަން އައިއެމްއެފުން މަސައްކަތް ކުރަނީ

އައިއެމްއެފްގެ މެނޭޖިން ޑޮރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ. ފޮޓޯ/ދަ ޓެލެގްރާފް

އަވަށްޓެރި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުތަކުގެ ސަބަބުން މިސްރަށް ދޭން ނިންމާފައިވާ ލޯނު އެހީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ރޮއިޓާސްއަށް ވިދާޅުވީ އިސްރާއީލާއި ޣައްޒާ ހަނގުރާމައިގެ އަސަރުތައް ވެސް ކުރަމުންދާ، އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ މިސްރަށް ދޭން ނިންމާފައިވާ ތިން ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ޕްރޮގްރާމް އިތުރުކުރުމަށް އައިއެމްއެފުން ވިސްނަމުން އަންނަ ކަމަށެވެ.

ކްރިސްޓަލީނާ މިހެން ވިދާޅުވެފައި ވަނީ މި މަހުގެ 16 އިން 17 އަށް ކެލިފޯނިއާގައި ކުރިއަށް ގެންގޮސްފައިވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގައި ހަވާސާގައި މީޑިއާތަކަށް ދެއްވި އިންޓަވިއެއެއްގައެވެ.

އައިއެމްއެފްގެ ލޯނެއް ހޯދަން މިސްރުން ފެށީ ޔޫކްރޭންގައި ރަޝިޔާއިން ކުރާ ހަނގުރާމައާ ހެދި ހަނޑުލާއި ތެލުގެ ހަރަދު ބޮޑުވުމާއި އެ ގައުމުގެ ފަތުރުވެރިކަމުގެ މައިގަނޑު ދެ މާކެޓް ކަމަށްވާ ރަޝިއާއާއި ޔުކްރެއިނުން އަންނަ ފަތުރުވެރިން މަދުވެ ފަތުރުވެރިކަން ހީނަރުވެ ލިބޭ އާމްދަނީ ދަށްވުމުންނެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު އައިއެމްއެފުން ޤާހިރާއަށް ލޯނު ދިނުމަށް އެއްބަސްވެފައިވާއިރު، އެ ލޯނު ޕްރޮގްރާމުގެ ދަށުން ޕްރައިވެޓް ސެކްޓަރު ކުރިއެރުމަށް ދައުލަތުގެ ހުރަސްތައް ނައްތާލައި، ވާދަވެރިކަމުގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމާއި، ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރީގެ ކަންކަން ކުރުމާއި ވިޔަފާރީތަކަށް މަގުފަހިވާނެ ކަންކަން ފަހިކޮށްދިނުން ހިމެނެއެވެ.

މިސްރުގެ ލޯނާ ބެހޭގޮތުން ޖޯޖީވާ ވިދާޅުވި ގޮތުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ ޢައްޒާއާއި ހުޅަނގު އައްސޭރީގެ އިގްތިސާދަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާ ހަނގުރާމައެކެވެ. މިސްރާއި ލުބުނާން އަދި އުރުދުން ފަދަ އަވަށްޓެރި ގައުމުތަކަށް ވެސް ގެއްލުންތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް