ރެއާލްގެ ޖާޒީގައި ސޮއިނުކުރި މައްސަލައަށް ރާމޯސް ޖަވާބުދީފި

ސެވިއްޔާގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑުގެ ޖާޒީއެއްގައި ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ސޮއިނުކުރާ ވީޑިއޯއެއް އާންމުވުމާ އެކު ކުރިމަތިވާ ފާޑުކިޔުންތަކަށް އޭނާ ރައްދުދީފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސަޕޯޓަރުން ދިން ބައެއް ޖާޒީތަކުގައި ރާމޯސް ސޮއިކުރި ނަމަވެސް، އެކަކު ދިން ޖާޒީގައި އޭނާ ސޮއިކޮށްފައެއް ނުވެއެވެ. އުމުރުން 37 އަހަރު ރާމޯސްގެ އެ އަމަލާ އެކު އޭނާއަށް ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ. މިހާރު އެކަން ހިނގި ގޮތް ސޯޝަލް މީޑިއާގައި ރާމޯސް ވަނީ ކިޔައިދީފައެވެ.

"އެ ވަގުތުކޮޅުގެ ކުރިން އަހަރެން ވާނެ ރެއާލްގެ ހަ ވަރަކަށް ޖާޒީގައި ސޮއިކޮށްފައި. ދެން ތިބި މީހުންނަކީ ސޮއިކުރުމުން ޖާޒީ ބޮޑެތި އަގުތަކުގައި ވިއްކާ މީހުން،" ސޯޝަލް މީޑިއާގައި ރާމޯސް ބުންޏެވެ.

ރާމޯސްގެ ރެއާލްގައި ހޭދަކުރި 16 އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ރެއާލާ އެކު ފަސް ސްޕެނިޝް ލަލީގާ އަދި ހަތަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު، މި ސީޒަނުގައި އޭނާ ކުޅެމުންދަނީ ސެވިއްޔާއަށެވެ.

މި ސީޒަނުގައި ސެވިއްޔާގެ ނަތީޖާތައް ގޯސްވެފައިވާ އިރު، އެންމެ ފަހުން ކުޅުނު ދިހަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ސްޕެނިޝް ލަލީގާގައި ސެވިއްޔާ ކުޅުނު 12 މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

comment ކޮމެންޓް