ކުލަގަދަ ގުޑުގުޑާ ދޫނިތަކުން ކުޅުދުއްފުށީ ކުޅި އަނެއްކާވެސް ނަލަކޮށްލައިފި

ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނިތައް -- ފޮޓޯ/ މިހާޒް

ކުލަގަދަ ރީތި ގުޑުގުޑާ ދޫނި (ފްލެމިންގޯ)ތަކުން ކުޅުދުއްފުށީ ކުޅި އަނެއްކާ ވެސް ނަލަ ކޮށްލައިފިއެވެ.

އިރުވައި މޫސުމާއެކު 2021ވަނަ އަހަރު ރާއްޖެއަށް އައި ގުޑުގުޑާ ދޫނިތަކެއް ވަނީ މުޅި ރާއްޖޭގެ ސަމާލުކަން ހޯދާފައެވެ. އެއަށްފަހު ރާއްޖޭގެ ބައެއް ހިސާބުތަކުގެ ގިނަ ރަށްތަކުގެ ކުޅިތަކުގައި އެ ދޫނިތައް ވަނީ އާބާދުވެފައެވެ.

މިއަހަރުގެ އިރުވައި މޫސުން ފެށުމާއެކު އަނެއްކާ މިވަނީ ގުޑުގުޑާ ދޫނިތައް ރާއްޖެއަށް ޒިޔާރާތްކުރަން ފަށާފައެވެ. އެއާއެކު ގިނަ ބަޔަކު އެ ސޮރުމެންގެ ފޮޓޯ ނަގާ، އެ ފޮޓޯތަކުން ސޯޝަލް މީޑިއާ ދަނީ ފުރެމުންނެވެ.

ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނިތައް -- ފޮޓޯ/ މިހާޒް

"މިއަދު އެ ދޫނިތައް އައި ކަމަށް ބެލެވެނީ. ވަރަށް ރީތި ދޫނި އެބައުޅޭ،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި މަހުގެ ކުރީކޮޅު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވެސް ވަނީ މިދުވަސްވަރު ރާއްޖެއަށް މޫސުމީ ދޫނިތައް ޒިޔާރާތްކުރާނެ ކަމަށް ބުނެފައެވެ. އަދި އެ ދޫނިތަކަށް ގޯނާނުކުރުމަށް އީޕީއޭއިން ވަނީ ގޮވާލާފައެވެ.

https://sun.mv/184394

މީގެ ކުރިން ވެސް ގުޑުގުޑާ ދޫނިތައް ހިފާ އެއަށް ގޯނާކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ބެލުމަށް ފަހު އީޕީއޭއިން ވަނީ އެ މީހުންނާ މެދު ފިޔަވަޅު ވެސް އަޅާފައެވެ.

comment ކޮމެންޓް