ހިއްގައިމު ގުޑުގުޑާ ދޫނި (ފްލެމިންގޯ)ތައް އަނެއްކާ ވެސް ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަން ފަށައިފިއެެވެ.
އިރުވައި މޫސުމާ އެކު 2021ވަނަ އަހަރު ރާއްޖެއަށް އައި ގުޑުގުޑާ ދޫނިތައް ވަނީ މުޅި ރާއްޖޭގެ ސަމާލުކަން ހޯދާފައެވެ. އެއަށް ފަހު ރާއްޖޭގެ ބައެއް ހިސާބުތަކުގެ ގިނަ ރަށްތަކުގެ ކުޅިތަކުން އެ ދޫނިތައް ފެނިފައިވެއެވެ.
މި އަހަރުގެ އިރުވައި މޫސުން ފެށުމާ އެކު އެ ދޫނިތައް ވަނީ އަނެއްކާ ވެސް ވަނީ ރާއްޖޭގެ ކުޅިތަކަށް ޒިޔާރަތްކުރަން ފަށާފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173590129533n2Pv.jpg)
ހިއްގައިމު ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުށީ ކުޅިއަށް --- ފޮޓޯ/ ޖައުފަރު އަލީ، ފޭސްބުކް
މައުލޫމާތު ލިބޭ ގޮތުގައި މި ދޫނިތައް ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކޮށްފައިވަނީ އިރުވައި މޫސުން ފެށުމާ އެކުއެވެ. އެ ރަށުގެ ފޮޓޯ ގްރާފަރަކު ވަނީ އެ ދޫނިތަކުގެ ހިތްގައިމު ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ރާއްޖެއަށް ރަސްމީކޮށް އިރުވައި މޫސުން ފެށުނީ އިއްޔެއެވެ. މިއީ އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރު ލަހެވެ.
އެ ފޮޓޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173590133664coBR.jpg)
ހިއްގައިމު ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުށީ ކުޅިއަށް --- ފޮޓޯ/ ޖައުފަރު އަލީ، ފޭސްބުކް
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ މީގެ ކުރީން މި ދޫނިތަކަށް ގޯނާ ނުކުރުމަށް ގޮވާލާފައެވެ.
އެ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173590139512E6Cr.jpg)
ހިއްގައިމު ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުށީ ކުޅިއަށް --- ފޮޓޯ/ ޖައުފަރު އަލީ، ފޭސްބުކް
މީގެ ކުރިން ވެސް ގުޑުގުޑާ ދޫނިތައް ހިފާ އެއަށް ގޯނާކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ބެލުމަށް ފަހު އީޕީއޭއިން ވަނީ އެ މީހުންނާ މެދު ފިޔަވަޅު ވެސް އަޅާފައެވެ.