ލަންކާއަށް ވަޑައިގަތުމަށް ރަނިލް ދެއްވި ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވައިފި

ރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

އަވައްޓެރި ސްރީ ލަންކާއަށް ވަޑައިގަތުމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވި ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވައިފިއެވެ.

ލަންކާގެ ރައީސް މި ދައުވަތު އަރުވައިފައިވަނީ، ރޭ ކުރުނބާ މޯލްޑިވްސްގަ ބޭއްވި ދެ ބޭފުޅުންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން ޝުކުރު އަދާކުރައްވައިފައެވެ. އަދި، ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ވެސް ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަދައްކައި، މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މި ގޮތުން ދެބޭފުޅުން ވަނީ ތަޢުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއި ފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިޤްތިޞާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ.

comment ކޮމެންޓް