ލަންކާގެ އިންތިޚާބުގެ ކެމްޕޭން ނިންމާލައިފި، ފޯރިގަދަ އިންތިޚާބު ހޮނިހިރު ދުވަހު

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ތިން ބޭފުޅުން. މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހާ (ވ) އާއި އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސާ (މ) އަދި ޕާލިމެންޓު މެމްބަރު އަނޫރާ ކުމާރާ ޑިސަނާޔަކޭ (ކ) -- ފޮޓޯ/ސްރީ ލަންކާ މިރާ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ހަމަޖެހިފައިވާ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބަށް 48 ގަޑިއިރަށްވުމުން އިންތިޚާބަށް ކެމްޕޭނު ކުރުން ނިންމައިލައިފިއެވެ.

ފަސް އަހަރުގެ ދައުރަކަށް އާ ރައީސަކު އިންތިޚާބު ކުރުމަށް 17 މިލިއަނަށް ވުރެ ގިނަ މީހުން ހޮނިހިރު ދުވަހު ވޯޓުލާއިރު، މިއީ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެ، އިގުތިސާދީ ގޮތުން މުޅި ގައުމު އިނދަޖެހުނު ފަހުން ލަންކާގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބެއިލްއައުޓްގެ ދަށުން ފޯރުކޮށްދިން 2.9 ބިލިއަން ޑޮލަރު އެހީތެރިކަމާ އެކު އިގުތިސާދީ ގޮތުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެހެންވެ، އެ ގައުމުގެ އިގުތިސާދީ ދުވެލި މި އަހަރު ތިން އިންސައްތައަށް ކުރިއަރާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި، ބޮންޑް ހޯލްޑަރުންނާ އެކު 12.5 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާކުރުމުގެ މަސައްކަތް ފައިނަލްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ރައީސް ރަނިލް ވިކްރަމަސިންހައާއި ހަވާލާދީ ރޮއިޓާސްއިން ބުނީ، ދަރަނި އަލުން އެކުލަވާލުމުގެ މަސައްކަތްތަކުގެ ތެރެއިން ބޮންޑް ހޯލްޑަރުންނާ އެކު ކުރެވޭ މަޝްވަރާތައް ބުރާސްފަތި ދުވަހު ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އެ މަޝްވަރާއަށް ފަހު އަޅުގަނޑުމެންނަށް ދަރަނި އަލުން އެކުލަވާލުމުގެ މަރުހަލާ ނިންމާލެވޭނެ. މި ޕްރޮސެސް ފުރިހަމަކޮށް، އިންތިޚާބުގެ ކުރިން އެކަން އިއުލާންކުރުމުގެ ގާބިލުކަން އަޅުގަނޑުގެ އެބަހުރި،" ވެރިރަށް ކޮލަމްބޯއާ ގާތްގަނޑަކަށް 157 ކިލޯމީޓަރު ދުރުގައި އޮންނަ މަޓާރާ ޓައުންގައި ހުންނަވައި ވިކްރަމަސިންހާ ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދައްކާފައިވާނީ އަޅުގަނޑު މަސައްކަތެއް ކުރާއިރު، އެކަން ފުރިހަމަ ކުރާނެކަން. އާދިއްތަ ދުވަހުން ފެށިގެން އަޅުގަނޑުމެން ދާންވީ ކޮންކަހަލަ މަގެއްތޯ ނިންމުމަކީ ތިޔަބޭފުޅުންގެ ކަމެއް،"

އެންމެ ފަހުން ނެރުނު އޮޕީނިއަން ޕޯލުން ދައްކާ ގޮތުން ރިޔާސީ ރޭހުގެ އެންމެ ކުރީގައި އުޅުއްވާ ޕާލަމެންޓް މެންބަރު އަނޫރާ ކުމާރާ ޑިސާނާޔަކޭ ވަނީ ފަގީރުކަން ކުޑަކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ވޯޓުލާ މީހުން އޭނާއަށް ތާއީދު ކުރުމަށް ގޮވާލާފައެވެ.

މިހާރުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ވަނީ ލަންކާ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ލުއިކޮށްދީ، ފަތުރުވެރިކަމާއި ދަނޑުވެރިކަން އަދި އެކްސްޕޯޓް ކުރިއެރުވުމަށް ވައުދުވެވަޑައިގެންފައެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރާނެކަމަށް ބެލެވެނީ އާދީއްތަ ދުވަހުއެވެ.

ހޮނިހިރު ދުވަހު ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި، ރައީސް ކަމަށް 39 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށް އެ ގައުމުގެ އިންތިޚާބާ ބެހޭ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އޭގެ ތެރެއިން ކުރީގައި އުޅުއްވާ ތިން ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑެވެ. އެއީ, މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ކަނާތު ފިޔައިގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ އަނޫރާ ކުމާރާ ޑިސަނާޔަކޭއާއި އަދި ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ)ގެ ފަރާތުން ވާދަކުރައްވާ މިހާރުގެ އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސާއެވެ.

ރިޔާސީ ރޭހުގައި ދެން އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ސްރީ ލަންކާ ޕޮދޫޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާއެވެ. ނަމަވެސް, 2022 ވަނަ އަހަރު ގިނަ ބަޔަކު އެއްވެ މުޒާހަރާކޮށް، ނަމާލްގެ ބޮޑު ބޭބެ ގޯޓަބަޔާ ރާޖަޕަކްސާ ވެރިކަމުން ދުރުކުކޮށްފައިވާއިރު، އިތުރު ރާޖަޕަކްސާއެއް ރައީސްގެ ކަމަށް ގެނެސްދާނެކަމުގެ ފުރުސަތު ކުޑަ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރިކޯޑު އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލައިފައިވާ އެ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިހާރުގެ ރައީސް ވިކްރަމްސިންހަ ޖުލައި 2022 ގައި ލަންކާގެ ރައީސް ކަމަށް ހަމަޖެއްސީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ، އޭރު ވެރިކަމުގައި ހުންނެވި ރާޖަޕަކްސާ، އިގުތިސާދީ މައްސަލަތަކާ ހެދި އެ ގައުމުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި އިސްތިއުފާ ދެއްވުމުންނެވެ.

ސްރީ ލަންކާގެ އިގުތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި، ތަންފީޒުކުރާނެ ކަންކަމާއި ސިޔާސަތުތައް ބައްޓަން ވާނީ އިންތިޚާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓު ޔަގީންވުމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ގައުމުގެ އިގުތިސާދު އިނދަޖެހި، ގައުމު ބަގުރޫޓުވީ 2022 ވަނަ އަހަރު ތެރޭގައެވެ.

އޭޕްރީލް 2022 އާ ހަމައަށް ސްރީ ލަންކާގެ ބޭރުގެ ދަރަނި 34.8 ބިލިއަން ޑޮލަރަށް އުފުލިފައިވެއެވެ. އޭގެ ތެރެއިން 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް