މިސްރުން ޣައްޒާއަށް 150،000 ލީޓަރުގެ ޑީސަލް ފޯރުކޮށްދީފި

ޣައްޒާއާއި މިސްރު ގުޅޭ ރަފަޙް ބޯޑަރުގެ ގޭޓް. ފޮޓޯ/އަހްރަމް އޮންލައިން

މިސްރުން، އެއްލައްކަ ފަންސާސް ހާސް ލީޓަރުގެ ޑީސަލް ހިފައިގެން ޣައްޒާއަށް ދިޔަ 10 ޓްރަކް ރަފަޙް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވެއްޖެއެވެ.

މިސްރުން ވަނީ މިދިޔަ ހަފުތާ ބުދަ ދުވަހުވެސް 24000 ލީޓަރުގެ ތެޔޮ ޣައްޒާއަށް ފޯރުކޮށްދީފައެވެ. އެއީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތަކުގައި ނިކަމެތިވެފައިވާ ޣައްޒާގެ އާންމުންނަށް ބޭނުންވާ ތެޔޮ ޣައްޒާއަށް އެތެރެކުރި ފުރަތަމަ ފަހަރެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން އެ ސިޓީގައި ހުރި ގާތްގަޑަކަށް ދެބައިކުޅަ އެއްބައި ހޮސްޕިޓަލްތައް ހުއްޓިފައިވާއިރު، އިންކިއުބޭޓަރުތަކަށް ލާފައިތިބި ތުއްތު ކުދިން ހިމެނޭހެން އެތައް ބަޔަކު ވަނީ މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ. އަދި ތެޔޮ ނެތި ފާއިތުވާ ކޮންމެ ދުވަހަކު އިތުރު މީހުން މަރުވާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ޓެލެކޮމް ކުންފުނިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބެކަޕް ޖަނަރޭޓަރުތަކަށް އެކަށީގެންވާ ތެޔޮ ނުލިބުމުގެ ސަބަބުން މުޅި ޣައްޒާގައި މޯބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް ވަނީ ގާތްގަޑަކަށް ކެނޑިފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 12000 ހާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރިއާ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށް އިސްރާއީލުގެ އަސްކަރިއްޔާއާއި އެ ސަރަހައްދުތަކުގައި އުޅޭ އިސްރާއީލުންގެ ވަޒަންވެރިން އަންނަނީ ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް