ޑރ. ޝަހީމްގެ ފުރަތަމަ ނިންމެވުން: ތިނަދޫ އިސްލާމީ މަރުކަޒު، އައިޔޫއެމްގެ ކެމްޕަސްއަކަށް!

ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަމާ ހަވާލުވުން --

ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ވެސް، ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ ދަށަށް ބަދަލުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ނިންމަވައިފިއެވެ.

އާ ސަރުކާރުގެ ކެބިނެޓު ހުވާކުރެއްވުން މިރޭ އޮތީ ރައީސް އޮފީހުގަ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. ޝަހީމް ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުގެ އިސްލާމިން މިނިސްޓަރު ކަމަށް މިރޭ ހުވާ ކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ކެބިނެޓު ހުވާކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ޝަހީމްގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވާ ވަނީ، ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ ހަފުތާގެ އަންގާރަ ދުވަހު އައިޔޫއެމްގެ ދަށަށް ބަދަލުކުރައްވާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ، އޭރުން އެ މަރުކަޒަކީ އިސްލާމީ ހަޟާރާތާގައި ސަގާފަތުގެ މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ.

ތިނަދޫގައި ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީ ކުރި އިސްލާމީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މަސައްކަތެކެވެ.

comment ކޮމެންޓް