އިތުރު 209 ޒުވާން ޚަތީބުން ތަމްރީނުކޮށް، ސަނަދު ދީފި

ޒުވާން ޚަތީބުންގެ ދެވަނަ ބެޗުގައި 209 ފަރާތަކަށް ވަނީ ސަނަދު ދީފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމީ މިނިސްޓްރީއިން ކުރިއަށް ގެންދާ ޒުވާނުން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު އަރުވައިފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.

މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފާއި، ސްޓޭޓު މިނިސްޓަރު ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގްރޭޑް އަށަކުން 12 އަށް އިސްލާމް މުގައްރަރުގެ ތެރޭގައި ހުރި އެއްޗެއް ރަނގަޅަށް ކިޔަވާފައި ތިބި ކުދިން އިމާމުވެ ނަމާދު ކުރަން ފައްކާވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައި ތިބޭ ދަރިވަރުންގެ ކިބައިގައި އިމާމުވެ، ނަމާދު ކުރުމުގެ ގާބިލްކަމާއި، އެ ކަމާއި ގުޅޭ މައުލޫމާތު ވެސް ހުންނާނެއެވެ.

"އެ ދަރިވަރުންގެ އިސްލާމީ މުގައްރަރުތަކަށް ބަލައިލީމާ އިނގޭނެ ކިހާ މައުލޫމާތެއްކަން މި ހުންނަނީ. އިސްލާމް މުގައްރަރު ތެރޭ ގްރޭޑު އަށަކުން ފެށިގެން 12 އާ ހަމައަށް އެ ހުރި މުގައްރަރުތައް ރަނގަޅަށް ކިޔަވާފައިހުރި ކުއްޖަކު ވިއްޔާ، އެ ކުއްޖަކީ އިމާމުވެ ނަމާދު ކުރުމަށް ފައްކާވެފައި ހުރި ކުއްޖެއް," މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާން ޚަތީބުންގެ ދެވަނަ ބެޗުގައި 209 ފަރާތަކަށް ވަނީ ސަނަދު އަރުވާފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ޚަތީބުންގެ ގޮތުގައި ތިބި ޒުވާނުން އިސްލާމީ ދާއިރާ ނޫން އެހެން ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އޭގެ މާނައަކީ އެ މީހަކަށް ޚުތުބާދީ އިމާމުވެ ނަމާދު ނުކުރެވޭނެކަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޚުތުބާދީ، އިމާމުވެ ނަމާދު ކުރުމަކީ އެ މީހެއްގެ ޝަޚުސިއްޔަތަށް ގެނެސްދޭ އިތުރު ފުރިހަމަކަމެކެވެ.

"ޑޮކްޓަރަކަށް ވިޔަސް ޚުތުބާ ދެވޭނެ. އިންޖިއަރަކަށް ވިޔަސް ޚުތުބާ ދެވޭނެ. އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މުޖުތަމައުން ޒުވާން ޚަތީބުން ބަލައިގަންނަ ކަމަށް ޓަކައި ވަރަށް އުފާ ކުރައްވާ ކަމަށެވެ. އެހެން ކަމުން ޒުވާން ޚަތީބުން މި މުޖުތަމައަށް ބޭނުންވެފައިވާ މިންވަރު އެނގިގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާން ޚަތީބުންގެ މަޝްރޫއު ފެށިގެން ދިޔައީ ރަށްރަށުގައި ޚުތުބާ ކިޔަމުންދާ ބޭފުޅުން އުމުރުން ދުވަސްވެ، ޒުވާން ޖީލު އައު އަޑުތަކަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ.

ޒުވާން ޚަތީބުންގެ ދެވަނަ ބެޗުގައި 209 ފަރާތަކަށް ވަނީ ސަނަދު އަރުވައިފައެވެ. މިހާތަނަށް 300 އަށްވުރެ ގިނަ ޚަތީބުން ތަމްރީނު ކުރެވިފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1،000 ޒުވާން ޚަތީބުން އުފެއްދުމެވެ.

އެ ގޮތުން މި ޕްރޮގްރާމްގެ ތިންވަނަ ބެޗު ވަރަށް ފެއްޓުމަށް ނިންމާފައިވާކަން ވެސް މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް