ސަރުކާރަށް މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަދި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ، ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި-- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ދޭނެ ކަމުގެ ޔަގީންކަން، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަރުވައިފިއެވެ.

ޑރ. މުއިއްޒުއާއި އެމަނިކުފާނުގެ ނައިބު، ހުސެއިން މުޙައްމަދު ލަތީފް ހުވާކުރެއްވި މަޖިލީހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވަނީ ދިވެހި ރައްޔިތުން އެދޭ ކަންތައްތައް ކުރުމަށް ދައުލަތުގެ ބާރުތަކާއެކު މަސައްކަތްކޮށްދެއްވުމަށް ޑރ. މުއިއްޒުގެ ކިބައިން އެދިވަޑައިގެންފައެވެ.

"މިއަދަކީ ދިވެހިރާއްޖެއަށް ތާރީޚީ ދުވަހެއް. އެއީ ހަލަބޮލިކަމުން މިންޖުވެ ހަމަޖެހުމުގެ ފަސް އަހަރަށް ފަހު ވެރިކަމުގެ ބާރުތަކުގެ ވެސް ހަލަބޮލިކަމެއް ނެތި އޮމާންކަމާއެކު ބަދަލުވެގެންދާތީ،" އަސްލަމް ވިދާޅުވިއެވެ.

"މިއީ ޑިމޮކްރެސީ ފުރިހަވަމެ ފައްކާވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް،"

އަސްލަމް ވިދާޅުވިީ، އެއް ވެރިކަަމަށް ފަހު އަނެއް ވެރިކަން ނިމިގެން އައުމަކީ ޑިމޮކްރެސީގެ ނިޒާމު އޮންނަ ގޮތް ކަމަށެވެ. ނަމަވެސް ޑިމޮކްރަސީން ބަދަލުނުވާންވީ ކަމަކީ، ޑިމޮކްރެސީގެ ރީތި ސިފަތަކާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ދައުލަތުގެ ބާރުތަކުން ކުރާންވީ ކަންކަން ކަމުގައި އަސްލަމް ވިދާޅުވިއެވެ. އަދި އެކަންކަން ކުރުމުގައި އެންމެ ފުރިހަމައަށް މަޖިލީހުން އެއްބާރުލުން ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ހުރި ކަންކަން މަޖިލީހުގެ ނިޒާމުގެ ތެރެއިން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދެން އޮތީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށެވެ. މަޖިލީހުގެ ތިންވަނަ ދައުރު ނިމެން ގާތްވެފަވާއިރު މުހިންމު ބިލުތަކާއި ގަރާރާއި މައްސަލަތައް ތާވަލުކުރެވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ޚާއްސަގޮތެއްގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ވީހާވެސް އަވަހަކަށް މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

https://sun.mv/184826

ރައީސް މުއިއްޒާއި ނައިބުރައީސް ހުސެއިން ހުވާކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ދައުވަތު ދެވިގެން 3،500 އަށްވުރެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޭރު ގައުމުތަކުން މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭހެން 46 ގައުމަކުން ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން މިއަދަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި ކުރީގެ ރައީސުންނާއި، މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް