ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތު ކުރުމަށް ފަހު، ކުރިއަށް އޮތް ރޯދަމަސް ފެށެން ވާއިރަށް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެހުންނެވި މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ފެންއަރުވާ ވަޑާން މަރާމާތުކުރުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ.
މިނިސްޓަރު ''ސަން''އަށް މައުލޫމާތު ދެއްވި ގޮތުގައި، ފެންއަރުވާ ވަޑާން މަރާމާތުގެ މަސައްކަތް ކުރަނީ އެމްޓީސީސީން އެ ކުންފުނީގެ ސީއެސްއާރްގެ ދަށުންނެވެ.
''އަޅުގަނޑުމެން ޔަގީންކުރަނީ އިރާދަ ކުރެއްވިއްޔާ ރޯދައަށް ހުޅުވާލެވޭ ވަރު ވާނެ ކަމަށް،'' އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ގިނަ ވައުދުތައްވެ ވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރަައްޔިތުންނަށް މިފަދަ ހިތްފަސޭހަ މައިޒާންތައް ތައްޔާރުކޮށް، އުފާ ފާގަތި މާހައުލެއް ގާއިމުކޮށްދިނުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީއިން ހަދާފައިވާ އެ ފެން އަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު އެ ފެންއަރުވާ ވަޑާމެކެވެ. އެ ތަން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އޭރު ރައީސް މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.
ދެހާސް ބާވީހުގައި، މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައި ރައީސް މުއިއްޒު ވަނީ، އޭރު އޮތް ސަރުކާރުން އެއްވެސް ވަރަކަށް ފެންއަރުވާ ވަޑާން ބަލަހައްޓާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ވެސް އޭރު ކުރިއެވެ.