ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ގައުމުތަކުގެ ވަފުދުތަކަށް ރައީސްގެ ޝުކުރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އެއްބާރުލުން ދެއްވި ހުރިހާ ގައުމުތަކުގެ ބޭބޭފުޅުންނަށް ރައީސް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެކްސްގަ ކުރެއްވި ޕޯސްޓެއްގަ އެ މަނިކުފާނު ވިދާޅުވީ، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި، މަންދޫބުންނާއި ވަފުދުތަކުން އެ މަނިކުފާނަށް ވަރަށް އިޚްލާސްތެރިކަމާ އެކު ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"އާ ސަރުކާރަށް ބައިނަލްއަޤުވާމީ މުޖުތަމައުން ދޭ އެއްބާރުލުމާ މެދު އަޅުގަނޑު އުފާކުރަން. ގައުމުތަކުން ގުޅިގެން ސިޔާސަތަކަށް ބައްޓަންކުރުމަށް އަޅުގަނޑުމެން މިތިބީ އަޒުމު ކަނޑައަޅައިގެން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިއަދު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 49 ގައުމަކުންނާއި ބައިނަލްއަޤުވާމީ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން 190 އަށް ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވެސް ވަނީ ހުވާކުރައްވައިފައެވެ.

އެ ރަސްމިއްޔާތުގައި ދައުވަތު ދެވިގެން 3،500 އަށްވުރެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު ދައުވަތު ދެއްވައިގެން 1،000 އާންމުންނަށް ވެސް ބައިވެރިވިއެވެ.

ހަމައެއާ އެކު މިއަދަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކުރީގެ ރައީސުންނާއި، މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް