އީދަށް ޖެހި ލައިޓްތަކުގެ ކޭބަލްތަކެއް ވެސް ވަގަށް ނަގައިފި

މާލޭ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަނީ ވަގަށް ނަގާފައި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ.

ސިޓީ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ ކޭބަލްތައް ވަގަށް ނަގާފައިވަނީ ބުރިކޮށްލައިގެން ކަމަށެވެ.

މި މައްސަލަ ސަމާލު ކަމަށް އައީ އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތް ގްރޫޕެއްގެ ސުޕަވައިޒަރަކު، ޖުމްހޫރީ މައިދާނުގައި ހުރި ބައެއް ލައިޓްތައް ނުދިއްލޭ ކަމަށް މޭޔަރު އާދަމް އާޒިމަށް އެންގުމުން، މޭޔަރު އެ ސަރަހައްދަށް ވަޑައިގެން ޗެކް ކުރެއްވުމުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގްރީންޒޯން ހިމެނޭ އެ ސަރަހައްދުން ވައްކަން ކުރުމުން، ސިޓީ ކައުންސިލްގެ އޮފިޝަލްވަނީ އެ ކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

މިދިޔަ ހޮނިހިރުދުވަހުގެ ރޭ، މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވެސްވަނީ ވަގަށް ނަގައިފައެވެ. އެއީ އިއްޒުއްދީން މަގު ފުޑް ކޯޓު ކައިރީ ރިންގް ރޯޑުގައި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެވެ.

https://www.sun.mv/193000

އެ މައްސަލަ ވެސް ސަމާލު ކަމަށް އައީ އެ ރޭ ބައްތިތައް ނުދިއްލިގެން ބެލުމުންނެވެ.

މީގެ އިތުރުން ހަމަ އެ ރޭ، ސިނަމާލޭ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވެސް ބުރިކޮށްލައިގެން ވަގަށް ނަގާފައިވެއެވެ.

އެ ކަމާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކާ ދިމާވި ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ބުންޏެވެ. އެހެން ކަމުން އެ މައްސަލަ ވަނީ ވަރަށް އަވަހަށް ހައްލުކޮށްފައެވެ.

ވައްކަމުގެ މި ދެ މައްސަލަ ވެސް ސިޓީ ކައުންސިލުން ފުލުހަށް ހުށަހެޅިއެވެ.

ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ.

އެ ގޮތުން ފުލުހުންނަށް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވައްކަމުގެ 1،678 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް