އެންމެ ފަހު ވަގުތު، ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު ވެސް ފޮނުވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ސިފައިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވެރިކަމުގެ އެންމެ ފަހު ރަސްމީ ދުވަހުގެ އެންމެ ފަހު ވަގުތު، ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލާ އެ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނެޝަނަލް ޕޭ ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލާ އެ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވައުދުވެވަޑައިގެންނެވީ ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރަން މި އަހަރުގެ އޭޕްރީލް 29 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުންނެވެ.

އެކަމަކު، އެ ދުވަހު އެކަން އިއުލާނު ކުރެއްވީއިރުގައި ވެސް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދެއްވާނެ ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ.

މާދަމާ ހުވާ ކުރައްވާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކޮށްދޭން ވައުދުވެލައްވައިފައެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ މިހާރު ހުރި ވަރަށް ވުރެ ދެގުނަ ބޮޑުކޮށްދޭނަން،" ކެމްޕޭން ތެރޭ ސެޕްޓެމްބަރު 15 ގައި ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން މުއިއްޒު ވިދަޅުވިއެވެ.

comment ކޮމެންޓް