ސައިކަލު މަޑުކުރަން އެންގުމުން، މަޑުނުކޮށް ދިޔަ މީހަކު ޖަލަށް

ކުޅުދުއްފުށީގައި ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން

ކުޅުދުއްފުށީ ސިޓީގައި ފުލުހުންގެ އެންގުމާ ޚިލާފަށް ސައިކަލު މަޑުނުކޮށް ދިޔަ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލީ ގާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާއެވެ. އޭނާ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހެދުމުން، އަސާސީ އަދަބު ކަމަށްވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމްވަނީ 2 މަހާއި 12 ދުވަހަށް ކުޑަކޮށްދީފައެވެ.

  • ކުޅުދުއްފުށީގައި ފުލުހުން އެންގުމުން ސައިކަލު މަޑުނުކުރި މީހަކު ޖަލަށްލުން
  • މައްސަލަ ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި
  • އުފުލި ދައުވާއަކީ ގާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުން
  • ކުށަށް އިއުތިރާފުވުމުން އަދަބުވަނީ 2 މަހާއި 12 ދުވަހަށް ލުއިކޮށްދީފައި

ސައިކަލު މަޑުކުރަން ފުލުހުން އެންގުމުން ސައިކަލު މަޑުނުކޮށް ދިޔަ މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ، ކުޅުދުއްފުށީ ސިޓީގައި ހިނގި ހާދިސާއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާގައި، ފުލުހުންވަނީ ކުޅުދުއްފުށީ މާލިމީމަގުން ސައިކަލުގައި ދިޔަ މީހަކު މަޑުކުރަން އަންގައިފައެވެ. އެހެންނަމަވެސް ފުލުހުންގެ އެންގުމާ އެއްގޮތަށް މަޑުނުކޮށް ދިޔަ މީހާގެ މައްޗަށް ދައުލަތުންވަނީ ގާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އުފުލާފައެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އުފުލުނު މި ދައުވާއަށް، ދައުވާ ލިބުނު މީހާވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފުގެ އެއްބަސްވުން ހެދުމާއެކު އެ މީހާގެ މައްޗަށް އޮތް އަދަބުވަނީ ލުއިވެފައެވެ.

ގާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އިއުތިރާފު އެއްބަސްވުން ދައުލަތަށް ބަލައިގަނެ، އެ އަދަބު ގާޒީވަނީ ދެބައި ކުޅަ އެއްބަޔަށް ކުޑަކޮށްދީފައެވެ.

އަދަބު ލުއި ކުރުމުން، މި މައްސަލައިގައި އެ މީހާގެ މައްޗަށް އިއްވާފައިވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމީ މިދިޔަ ހަފްތާގައެވެ.

comment ކޮމެންޓް