ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުގެ ކުލި 8،000އާއި 6،000 ރުފިޔާގައި

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ޕީއެސްއެމް، އެޗްޑީސީ

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފުލެޓްގެ މަހު ކުލި މަރާމާތު ފީއާއެކު 8،000 ރުފިޔާއަށް އަރާއިރު، ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މަރާމާތު ފީއާއެކު 6،000 ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ތިން ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ކަމަށެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު ނަގާ 1000 ރުފިޔާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މި ފްލެޓުތަކަށް ކުލި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 މަސް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފެލްޓު ލިސްޓަށް ލިބުނު ޝަކުވާއަށް ބަލާ މިއަދު ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.

މިމަހުގެ ހަތަރެއްގައި ދާއިމީ ލިސްޓު ނެރެ، ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މިހާރު އިމާރާތްކުރަމުންދާ 4000 ފުލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭނީ 76އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ނަމަވެސް މިއަދުގެ އިއުލާނުގައި ވަނީ، 76އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ފްލެޓު ދިނުމަށް ފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ މީހުންނަށް ދޭނެ ކަމަށެވެ.

ފުރަތަމަބުރުގައި ދެ ކޮޓަރީގެ ފުލެޓް އަދިވެސް ލިބެނީ، 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފުލެޓެވެ. ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިދިޔަ ހުކުރު ދުވަހުގެ ރޭ 11:59ގައެވެ.

މިނިސްޓްރީން ފްލެޓް ލިސްޓު އާންމު ކުރުމާއެކު ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް ޕޮއިންޓް ދިން ގޮތް ހާމަކުރުމަށް ގޮވާލާފައެވެ. އަދި ޖެހިގެން އައި ދުވަހު މިނިސްޓްރީ ތެރެއަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.

މިކަންކަމާ ގުޅިގެން އޭސީސީން ވެސް ވަނީ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓައިލަން ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ. މިކަމާ ގުޅިގެން ފުލެޓު ކޮމިޓީން ބުނީ، އޭސީސީ ބޭފުޅުން ބަލަން ބޭނުންވި ހުރިހާ ލިޔެކިޔުމެއް ދައްކާފައިވާނެ ކަމަށެވެ.

ވެރިކަން ބަދަލުވުމަށް މިއޮތް ކުޑަ ދުވަސްކޮޅު ތެރޭ، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް އަވަސް އަރުވާލައިގެން ދޫނުކޮށް، އާ ސަރުކާރާ ހަވާލުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް، ހައުސިން މިނިސްޓްރީން ބުނީ އޮންނަ ގަވާއިދުގެ ދަށުން އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު