ފުރަތަމަ 100 ދުވަސް: އަންހެނުން ވިޔަފާރި ފަށަން 100 މިލިއަން ރުފިޔާގެ ލޯން ސްކީމް ތައާރަފުކުރާނެ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ކެމްޕޭން ތެރޭގައި -- ފޮޓޯ/ ޕީޕީއެމް، ޕީއެންސީ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ތައާރަފު ކުރާނެކަން އިއުލާންކޮށްފިއެވެ.

އަންނަ ހުކުރު ދުވަހު ވެރިކަމުގެ ހުވާ ކުރައްވާ މުއިއްޒުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަންތައްތަކުގެ ރޭވުން، މިރޭ ވަނީ އެކަމަށް ޓަކައި ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި އިއުލާންކޮށްފައެވެ.

އެ ރޭވުމުގައި އަންހެނުންނާއި ޒުވާނުންނާއި ފަންނިއްޔަތާއި ކުޅިވަރަށް ޚާއްޞަކޮށް ސަރުކާރުން ކުރާނެ ކަންތައްތަކުގެ ތެރޭގައި، 100 ދުވަހުގެ މުހުލަތެއް ދީފައިވާ ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށް ސްޓާޓްއަޕް ސްކީމެއް އުފެއްދުމުގެ އިތުރުން އަންހެން މުވައްޒަފުންނަށް ރައްކާތެރި، ގަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ޓަކައި ގާނޫނީ އޮނިގަނޑަށް އިސްލާހު ހުށަހެޅުން ހިމަނާފައިވެއެވެ.

އަންހެނުންނަށް ޚާއްޞަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، ދައުލަތާއި ދައުލަތް ހިއްސާވާ އިސް މަގާމުތަކުގައި އަންހެނުން އިތުރު ކުރުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފެށުން ހިމެނެއެވެ. އަދި 63 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ފެށުން ހިމެނެއެވެ.

ހަމައެއާއެކު، އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް، ފުރަތަމަ 63 ދުވަސް ތެރޭގައި ހަމަޖައްސައިދިނުން ހިމެނެއެވެ.

މީގެ އިތުރުން ޒުވާނުންނާއި ފަންނިއްޔަތާއި ކުޅިވަރަށް ޚާއްޞަކޮށްކޮށްދޭ 100 ދުވަސްތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި:

  • ކޯޑިން ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލުން
  • އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމުާއި ލިބިގަތުމަށް ހުރި ހުރަސްޓަކަށް ގާނޫނީ ހައްލު ހޯދައިދިނުމުގެ މަސައްކަތް ފެށުން
  • އީކޮމާސް ޕްލެޓްފޯމްތަކުގައި ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ފެށުން
  • މޮޅެތި އެތުލީޓުން އުފެދުމާ ބެހޭ ދިގު ރާސްތާގެ ޕްރޮގްރާމެއް ފަރުމާ ކުރުން
  • ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމިއްޔާތަކާއި ގައުމީ ކުޅުވަރު އެސޯސިއޭޝަންތަކަށް ޚާއްޞަ ޕޯޓަލެއް ފިޓް މޯލްޑިވްސްގެ ނަމުގައި ގާއިމުކުރުން

އަންހެނުންނަށް ވިޔަފާރިތައް ފަށައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކުރުމަށްޓަކައި ލޯން ސްކީމެއް ތައާރަފު ކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

https://sun.mv/181151

އެ މަނިކުފާނު ވަނީ، އެ މަނިކުފާނުގެ މެނިފެސްޓޯގައި އަންހެނުންނާއި ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް