(ސ. ހިތަދޫން، ޢާލިމް އަބްދުއްލަތީފް)
ކަނބަލުންނަށް ވިޔަފާރިތައް ފަށައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކުރުމަށްޓަކައި 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތައާރަފްކުރައްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކަނބަލުންނާއި ޒުވާނުންނާއި މަސްވެރިންނަކީ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ބައިތައް ކަމަށެވެ.
އޭނާ ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިގެން ލޯން ސްކީމެއް ތައާރަފްކުރެވުމުން ވިޔަފާރިތައް ފެށުމަށް ފަސޭހަވެ މަގުފަހިވާނެ ކަމަށެވެ.
"އެއީ އަންހެން ބޭފުޅުންނަށް ހާއްސަކުރެވިގެން ދޭ ސްޓާޓްއަޕް ލޯން ސްކީމެއް. އެ ލޯން ނަގައިގެން ކުދި ވިޔަފާރިތައް ފެއްޓުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ ކަނބަލުންނަށް އަޅުގަނޑުމެން ހުޅުވައިލަދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އައްޑޫ ސިޓީގައި --
މީގެ އިތުރުން، ކަނބަލުންގެ އުފެއްދުންތެރިކަމުގެ ބާވަތްތައް ވިއްކާނެ މާކެޓުތައް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ގާއިމު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. އެ ގާއިމުކުރެވޭ މާކެޓްތައް ހިންގުމަށް ކަނބަލުންގެ ކޯޕަރޭޓިވްސްތަކެއް އުފައްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ތަނުގެ ސްޓޯލްތަކުގައި ތިއްބަވާނީ ވެސް ކަނބަލުން، 100 ޕަސެންޓް ކަނބަލުންގެ ބިޒްނަސްއަކަށް އެ ކަން ވެގެން ދާނެ. އެ ތަނުގައި ރާއްޖޭން ބޭރު މީހުންނަކަށް ނުތިބެވޭނެ،"
އިތުރަށް މުއިއްޒު ވިދާޅުވީ، އަންހެނުން ވަޒީފާއަށް ދާއިރު ޑޭކެއާ ސެންޓަރުތަކަށް ދަރިން ލައިފައިދާ ކަމަށެވެ. އެ ފަދަ ތަންތަނަކީ ސަރުކާރުން މާ ބޮޑު އަޅާލުމެއް ދޭ ތަންތަން ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.
އޭނާގެ ވެރިކަމެއްގައި އެ ފަދަ ތަންތަނަކީ ޕްރޮފެޝަނަލް ރަނގަޅު ފެންވަރެއްގެ ތަންތަނަށް ހަދައިދޭނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ. އެ ގޮތުން، ސަރުކާރުން އެ ތަންތަނަށް ފައިސާގެ އެހީ ދީގެން ޑޭ ކެއާ ސެންޓަރުތައް ތަރައްގީކޮށްދީ އިތުރު ޑޭ ކެއާ ސެންޓަރުތައް އުފެދޭނެ ގޮތް ވެސް މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އޭރުން ކަނބަލުންނަށް ފަސޭހަކަމާ އެކީގައި ޔަގީންކަން ލިބިގެންދާ ގޮތަށް ރައްކާތެރިކަމާ އެކީގައި އެކަނި އުޅުއްވާ ބޭފުޅުންނަށް ދަރިން ރައްކާތެރި ގޮތެއްގައި ޑޭ ކެއާ ސެެންޓަރުތަކުގައި ބައިތިއްބައިފައި ވަޒީފާއަށް ދެވޭނެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ ވާހަކަ ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އެ ފަދަ ކަންކަން ރާއްޖޭގައި ވަރަށް ގިނައިން ހިނގާ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ --
އެ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިނިސްޓްރީތައް ހުރޭ، އޮފީސްތައް އެބަހުރި. އެހެން ނަމަވެސް މި ކަމަށް ހާއްސަ ގައުމީ މަރުކަޒެއް އުފެއްދުމަކީ އަޅުގަނޑުމެންގެ ސިޔާސަތު.،" މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ ޑޮމެސްޓިކް ވަޔަލެންސް ހުއްޓުވާ އެ ކަންކަން ދިމާވުމުން ދެން ކަންކަން ކުރާނެ ގޮތާމެދު އަޅައިލާ އޯގާތެރި ކެއަރިން ސޮސައިޓީއެއް ގާއިމުކުރުމަށް ޓަކައި މި ކަންކަމާ ގުޅޭ ހާއްސަ ގައުމީ މަރުކަޒެއް ގާއިމުކޮށްދޭނަން،"
މި ކަންކަން ކުރެވުމުން، ރައްކާތެރި މުޖުތަމައެއް ގާއިމުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި، ކަނބަލުންނަކީ ވެސް ފުދުންތެރި ބަޔަކަށް ހެދޭނެ ކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް އޭނާގެ ވެރިކަމެއްގައި ހައްދަވައިދެއްވާނެ ކަމަަށް ވެސް ވައުދުވެވަޑައިގެންފައެވެ.

ރޭ ހިތަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން --
އޭނާ ވިދާޅުވީ، އެ ބަދަލުތައް ގެންނަވާ އޮންލައިން ޕޭމަންޓް ސިސްޓަމްތެރޭގައި ހިމެނޭ ޕޭޕަލް އާއި ޕޭއޯނިޔާއާއި ސްޓްރައިޕްއާއި ސްކްރިލްއާއި ނެޓެއްލާ މި ފަަދަ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ބައްޓަން ކޮށްދެއްވާނެކަމަށެވެ.
މީގެ އިތުރުން، ގްލޯބަލް އީކޮމާސް ޕްލެޓްފޯމްތަކުގައި ހިމެނޭ އެމެޒަން، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާފަދަ އީ ކޮމާސް ޕްލްޓްފޯމްތަކުގައިި ސެލާ އެކައުންޓްތައް ރާއްޖޭގައި ކްރިއޭޓް ނުކުރެވޭކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ގާނޫނީ ބަދަލުތައް ގެނެސް، އެ ފަދަ ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓް ކްރިއޭޓް ކުރެވޭ ގޮތް ހަދައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.