އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އަބްދުﷲ ޒިޔަތުއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މައާފު ދެއްވުން ޓްރާންސްޕޭރެންސީ މޯލްޑިވްްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައިވަނީ ރިޔާސީ ދައުރު ނިމެން އެންމެ ތިން ދުވަހަށްވެފައިވަނިކޮށް، އަދީބާއި ޒިޔަތަށް މާފުދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމުގައި ބުނެފައެވެ.
އަދި، މިއީ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ ފަރާތްތަކަށް ލިބުނު ހިތްވަރެއްކަމަށް ވެސް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަދި އެ ފަރާތްތަކަށް ސިޔާސީ ނަހަމަ ނުފޫޒުން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ވެސް ރައީސްގެ އެ ނިންމެވުމުން ހާމަވާކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެއެވެ.
ޓްރާންސްޕޭރެންސީން ވެސް އެމްއެމްޕީއާރްސީ ޚިޔާނާތުގެ ބައިވެރިންގެ ގޮތުގައި 281 މީހަކު ހިމެނޭއިރު މި ފަސް އަހަރު އެ މައްސަލައިގައި އެންމެ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފައިވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
އަދި، އެ މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު ވެސް ހާމަކޮށްފައިނުވާއިރު، އެ ހޯދަން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް ޞާލިހު 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެންމެ އިސްކަމެއް ދެއްވާނެ ކަމެއްގެ ގޮތުގައި ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވުމުގެ ސިޔާސަތެވެ. ނަމަވެސް ޓްރާންސްޕޭރެންސީން ބުނީ މި ނިމޭ ފަސް އަހަރުގެ ތެރޭގައި ވެސް ފެނުނީ ކޮރަޕްޝަނަށް ފެހި ސިގްނަލް ދީފައި އޮތް މަންޒަރުކަމަށާއި އެ ފަދަ އަމަލުތަކުގައި ޝާމިލުވާ މީހުންނަށް ހިމާޔަތްދޭ މަންޒަރު ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
މި ހިޔާނާތް ސާބިތުވެ ޒިޔަތުގެ މައްޗަށް ވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގައެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ޞާލިހެވެ.