ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުއްޖާއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދަބު ލުއިކޮށްދެއްވައިފިއެވެ.
އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ރެއެވެ. އަނަސްއަށް ހަމަލާދީފައި ވަނީ ސައިކަލު ތަކެއްގައި އައި އަށް މީހަކު ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ކުޑަކުއްޖަކު ހިމެނޭހެން ޖުމުލަ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެ ކުޑަކުއްޖާއަށް ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޞާލިޙް ވަނީ އެ ކުއްޖާގެ 18 އަހަރުގެ ޖަލު ހުކުމް 10 އަހަރަށް ކުޑަ ކޮށްދެއްވައިފައެވެ.
އަދަބު ލުއިކޮށްދެއްވި ނަމަވެސް އަދިވެސް ޖަލު ހުކުމުގައި ބާކީ އަހަރުތަކެއް އޮތުމުން އެ ކުއްޖާ އަދިވެސް އޮތީ ޖަލުގައި ކަމަށް އެނގިފައިވެއެވެ.
އަނަސް މަރުގެ މައްސަލާގައި ހިމެނޭ ކުއްޖަކަށް ރައީސް އަދަބު ލުއިކޮށްދެއްވާފައިވާއިރު މި މަރަށް އިންސާފު ހޯދައި ދެއްވާނެ ކަމުގެ ވައުދު ކުރިން ރައީސް ވަނީ ވެލައްވާފައެވެ.
މި މައްސަލައިގައި ދެން ދައުވާ ކުރި މީހުންގެ ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ނުނިމެއެވެ.
ރައީސް ޞާލިޙް އިއްޔެ ވަނީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސާލައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އަބްދުﷲ ޒިޔަތަށް ވެސް މައާފު ދެއްވައި މިނިވަން ކޮށްފައެވެ.
ހިޔާނާތް ބައްލަވައި ގެއްލުނު ފައިސާ ހޯއްދަވާނެ ކަމުގެ ވައުދާއެކު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން އެކަން ނުކުރައްވައި ހިޔާނާތްވި މީހުން މިނިވަން ކުރުމުން އެތައް ބައެއްގެ ނުރުހުން ވަނީ ރައީސް ޞާލިހަށް އަމާޒުވެފައެވެ.