މި އަހަރަށް ލަފާކޮށް މަޖިލީހަށް އަންގާރަ ދުވަހު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން ބަޖެޓު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އިއްޔެގެގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަޑައިގެން ވަނީ އަންނަ އަހަރުގެ ބަޖެޓާ އެކު މި އަހަރަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާފައެވެ.
އިއްޔެގެ ޖަލްސާއިން ފާސްކުރީ، މިއަދަށް ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ކުރިއަށް ގެންދިޔުމަށް އެޖެންޑާ ކުރުމަށެވެ.
މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސްކޮށް 48 މެންބަރުންގެ ވޯޓާ އެކު ފާސްކޮށް އިތުރު ވަގުތުގައި ވެސް ވަނީ ބަހުސްކޮށްފައެވެ.
އެއަށް ފަހު އެ ބަހުސް ނިންމާ މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އެ ބަޖެޓު އިތުރަށް ދިރާސާކުރުމަށް ބަޖެޓު ކޮމިޓީއަށް ފޮނުއްވައި މިއަދުގެ ޖަލްސާ ނިންމަވާލައްވައިފައެވެ.
މި އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. މަޖިލީހުން ފުރަތަމަ މި އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މީގެ ކުރިން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތް އިރު މިނިސްޓަރު އަމީރު ވަނީ، ބަންޑާރަ ނައިބުގެ ލަފާއާ އެކު ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންފައެވެ. އެއާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީން މެންބަރުން ވަނީ އިއްޔެ ޖަލްސާއަށް މިނިސްޓަރު ވަޑައިގެން ހުންނެވީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން ކަމަށް ތުހުމަތުކޮށްފައެވެ.
އަދި، ޑިމޮކްރެޓުން ވަނީ މިނިސްޓަރަށް ބަޖެޓު ހުށަހެޅުމަށް ހުރަސް އަޅަން މަސައްކަތް ކޮށްފައެވެ.
ނަމަވެސް މަޖިލީހުގެ ރައީސް އަސްލަމް ވަނީ އެ ފުރުސަތު ޑިމޮކްރެޓުންނަށް ނުދެއްވާ ބަޖެޓު ހުށަހަޅަން ފުރުސަތު ދެއްވައިފައެވެ.
އިންތިޚާބީީ ރައީސް ޑރ. މުޙައްމަދު މުއިއްޒުު ބޭނުންފުޅުވެވަޑައިގަންނަވަނީ އަންނަ އަހަރުގެ ބަޖެޓު 49 ބިލިއަނުގައި ހިފެހެއްޓުމަށް ކަމަށް މީގެ ކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަން ދެއްވީ ބައިނަލްއަޤްވާމީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ގަބޫލުކުރާ ހަމައެއްގައި ބަޖެޓު ހިފެހެއްޓުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދަރަނި ޖީޑީޕީއަށް ޖެހޭ ނިސްބަތް ކުޑަކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.