ނަޝާތަށް އިތުރު ދައުރެއް ދޭން މަޖިލީހުން ފާސްކޮށްފި

އަލީ ނަޝާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ނަޝާތު އަލުން އެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ފާސްކޮށްފިއެވެ.

ނަޝާތުގެ ދައުރު މިދިޔަ ޖުލައި މަހު ހަމަވެފައިވާއިރު، އޭނާ އިތުރު ދައުރަކަށް އީސީއަށް އައްޔަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ މެއި މަހު އޭނާގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.

ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގައި އުފެދުނު ކޯޅުންތަކާ ގުޅިގެން އޭރު މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމަށް ފަހު މިދިޔަ ޖޫން މަހުގެ 22ގައި މަޖިލިސް ޗުއްޓީއަށް ދިޔައެވެ.

އެއަށް ފަހު މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ އީސީގެ މެންބަރުކަމުގައި ހުންނެވި ނަޝާތުގެ މަގާމުގެ މުއްދަތު ހަމަވެފައިވުމުން، ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސަށް ހުޅުވާލައިފައެވެ.

ބަހުސަށް ކަނޑައެޅި ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ، ވެރިކަން ބަދަލުވާން އެއް ދުވަހަށް ވުމުން އެކަން ފަސްކުރުމަށް އެދިވަދައިގެންފައެވެ. އަދި އާ ސަރުކާރުގައި އެކަން ކުރުމަށް ގޮވާލައިފައެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ، އެކަމާ ދެކޮޅު ހައްދަވައިފައެވެ.

ރޮޒެއިނާ ވަނީ އެ މައްސަލައަކީ ރިޔާސީ އިންތިޚާބުގެ ވެސް ކުރިން މަޖިލީހަށް ހުށަހެޅި މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އީސީގެ ގިނަ ކަންކަން ނުކުރެވި އޮތް އޮތުން ހުއްޓުމަކަށް އަންނަންޖެހޭ ކަމަށެވެ. އެހެންކަމުން އެކަން ފަސްކުރުމެއްނެތި ކުރިއަށް ގެންދިޔުމަށް ރިޔާސަތަށް ގޮވައިލެއްވިއެވެ.

އެއަށް ފަހު 42 މެންބަރުންގެ ވޯޓާ އެކު، އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަންކުރުމަށް މަޖިލީހުން ފާސްކުރިއެވެ. ނަޝާތު އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

ނަޝާތުގެ މަގާމުގެ މުއްދަތު ހަމަވެފަ އޮތުމުން، މިދިޔަ ރިޔާސީ އިންތިޚާބު އީސީން ބޭއްވީ އެއް މެންބަރަކު ނެތިއެވެ.

ނަޝާތު އީސީގެ މެންބަރަކަށް ވެވަޑައިގެންނެވީ ޖުލައި 25، 2018ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ.

comment ކޮމެންޓް