މާފަންނު ޖަވާހިރުމަގުގައި ހުރި ގެޔެއްގެ ބެލްކަނި ވެއްޓި އަނިޔާވި މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އެ މަގުގައި ހުރި ގެއެއްގެ ބެލްކަނި ވެއްޓުނީ އިއްޔެ މެންދުރު 1:18 ހާއިރެވެ. އޭނާއަށް ފަރުވާ ދިނީ އައިޖީއެމްއެޗުގައެވެ.
އޭނާގެ އާއިލާ މެމްބަރަކު "ސަން"އާ ވާހަކަދައްކަމުން ބުނީ އެ ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ދިޔަކަމަށެވެ. މީގެ އިތުރުން މައިބަދައިގެ ސޮފްޓް ޓިޝޫތަކަކަށް ވެސް ގެއްލުން ވެފައިވާކަމަށް އާއިލާއިން ބުންޏެވެ.
ޒަޚަމްތަކަށް ފަރުވާދިނުމަށް ފަހު މިހާރު އެ މީހާ ވަނީ ގެއަށް ދޫކޮށްލައިފައެވެ. އަދި ހާލު ރަނގަޅުވަމުން އަންނަކަމަށް ބުންޏެވެ.
މާލޭ ގެއެއްގެ ބެލްކަނި ވެއްޓުން -- ފޮޓޯ: އިންފިނިޓް މޫމަންޓްސް/ އަބްދުﷲ ޝާތިއު
އެއީ ލަކުޑިން ޑެގު އަޅައިގެން ހަދާފައި ހުރި ބެލްކަންޏެކެވެ. އެ ބެލްކަނި ވެއްޓުނީ ސްޓްރަކްޗާ ވަރަށް ބޮޑަށް ފީވެ، ދަބަރު ޖަހާ ގިނަ ދުވަސް ވެފައި ހުރުމުން ކަމަށް ބެލެވެއެވެ.
ފުލުހުން ބުނީ މި މައުލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.