ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ނަން އިއްވައި، މަޖިލިސް މެދުކަނޑާލައިފިއެވެ.
މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ އާ ރައީސް މުޙައްމަދު އަސްލަމެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެއްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށްޓަކައި އެ މަނިކުފާނު ރިޔާސަތު ހަވާލުކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއެވެ.
އެއީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ތަޅުމުގައި އެ ވަގުތު ނެތުމުންނެވެ.
ނަމަވެސް އިބްރާހީމް ޝަރީފް ރިޔާސަތާ ހަވާލުވިތާ އިރުކޮޅެއް ފަހުން އީވާ ވަނީ ތަޅުމަށް ވަޑައިގެންފައެވެ. އެއަށް ފަހު އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސް ވަޑައިގެން ހުއްޓާ ރިޔާސަތު އެހެން ފަރާތަކާ ހަވާލުކުރެއްވީތީ އެކަމާ ނުރުހުން ފާޅުކޮށް ތަޅުމުގައި އަޑުގަދަކުރައްވާފައެވެ.
އެކަމަކު، ރިޔާސަތުން ޝަރީފް އެ ފުރުސަތު ނުދެއްވުމުން، އީވާ ވަނީ އެ ވަގުތު ވާހަކަދައްކަވަން ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމްގެ މައިކު ކައިރިއަށް ވަޑައިގެން، މަޖިލީހުގެ ނައިބު ރައީސް ތަޅުމުގައި އިންނަވަނިކޮށް، އެހެން ބޭފުޅަކަށް ރިޔާސަތު ހަވާލުކުރެއްވީ ކިހިނެއްތޯ ސުވާލު ކުރައްވައިފައެވެ.
"އަޅުގަނޑު ހާޒިރުވެ ހުއްޓައި ރިޔާސަތަށް އެހެން މީހަކު އެރުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، ނޯންނާނެ" އީވާ ގޮވާލެއްވިއެވެ.
އެއާއެކު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވަން އީވާއަށް ނަސޭހަތްތެރިވުމުން ވެސް އީވާ ވަނީ އަޑުގަދަކުރައްވައިފައެވެ. އީވާ ދޫނުދެއްވުމުން، ޝަރީފް ވަނީ އީވާގެ ނަން އިއްވައިފައެވެ.
އީވާގެ ނަން އިއްވާފައި ވަނީ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާގައި ވަނިކޮށެވެ. އެމްޑީޕީގެ 49 މެންބަރަކާއި އަމިއްލަ މެންބަރެއްގެ ސޮޔާ އެކު އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ވަނީ އެމްޑީޕީން ހުށަހަޅުއްވައިފައެވެ.
އެމްޑީޕީން އީވާ މަގާމުން ވަކިކުރަން ނިންމާ މަޖިލީހަށް ގަރާރެއް ހުށަހެޅީ އޭރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި އޮއްވައެވެ.
މިއީ އީވާ ވަކިކުރަން އެމްޑީޕީއިން ހުށަހެޅި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ނަޝީދާ އެކު އީވާ ވަކިކުރަން ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް އައުމުގެ ސަބަބުން އެމްޑީޕީން ފަހުން ވަނީ އެ މައްސަލަ ނަގައިފައެވެ.